އައްޑޫގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ގާތްގަނޑަކަށް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޑޮކްޓަރ މުންޝިދު ވިދާޅުވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އިން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މުންޝިދު ވިދާޅުވީ، އައްޑޫސިޓީއިން މިވަގުތު ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެގޮތަށް މުންޝިދު ވިދާޅުވެފައިވަނީ ފައްސިވެފައިވާ މީހުންނާއި ގުޅުން ނެތް ބަޔަކު މި ބައްޔަށް ފައްސިވެފައި ނުވާތީއެވެ.

"މި ސިޓީގައި މިވަގުތު ކޮވިޑް ކޭސްތައް މިވަނީ ގާތްގަނޑަކަށް ކޮންޓްރޯލް ކުރެވިފައޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންނަށް އަދި މިހާތަނަށް ރަށުތެރެއިންނެއް އަޅުގަނޑުމެންގެ މިހާރު މި ފެނުނު ކްލަސްޓާގެ ބޭރުން އެއްވެސް ކޭސްއެއް ފެނިފައެއް ނެތް." މުންޝިދު ވިދާޅުވިއެވެ.

މުންޝިދު މިހެން ވިދާޅުވެފައިވާއިރު، މި ބައްދަލުވުމުގައި އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސޯދިގެވެސް ވަނީ އައްޑޫގެ މުޖުތަމައު ތެރޭގައި ބަލި އޮތް ކަމަށް އަދި ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް ކުރެވިފައިވާ ޓެސްޓުތަކުން ރަށު ތެރެއަށް ބަލި ފެތުރިފައި އޮތް މިންވަރު އަދި ނޭނގޭ ކަމަށާއި ނަމަވެސް މިހާތަނަށް ނަގައި ޓެސްޓު ކުރެވުނު ސުންކުތަކަށް ބަލާއިރު އަދި ރަށު ތެރެއިން ބަލި ފެނިފައި ނުވާ ކަމަށް މޭޔަރ ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް އެކަން އެއްކޮށް ކަށަވަރު ކުރުމުގެ ގޮތުން އިތުރު ސުންކު ނަގާނެ ކަމަށާއި ކުރިންވެސް ރައްޔިތުން ދިން ގޮތަށް އެއްބާރުލުން ދިނުމަށް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.

އައްޑޫގައި މުޖުތަމައު ތެރޭގައި ބަލިނެތްކަން ޑރ ވިދާޅުވެފައިވަނީ، ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ ތަރުތީބެއްނެތި ނަގާ ސުންކު ތަކަށް ބަލާފައެވެ. މިހާތަނަށް ބެލިބެލުމުން، މުޖުތަމައު ތެރެއިން ނަގާފައިވާ އެއްވެސް ސުންކެއް ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަނާޒާ

    އަނެއްކާ އަނެއް ބޯޑު ދޮގު! ހުރިހާ ކަމެއްގައި މަކަރޭ!

    3
    1
  2. މުހުއްމަދު

    ތިހެން ވިދާޅު ނުވޭ. އަނެއްކާ ޚާއްސަ ހުއްދައެއްގެ ދަށުން ކޮއްފާނެ ކޮންމެފަދަ ކަމެއްވެސް

  3. ސސ

    އައްޑޫގައި ތިބި ޑުރަގް ބޯ މީހުން ނާއި ޑުރަގް ޑީލަރުން ހައްޔަރު ކުރަންވީ އެއީ ބޮޑު ކޮރޯނާ ވަބާ ؟

  4. ރޯދަމުބާރަކް!

    ގާތްގަނޑަކަށް ތޯ ކޮންޓްރޯލް ކުރުމަށް އޮތީ؟ ލަަފާކުރެވޭ ގޮތުން އައްޑުއަށް މި އޮތީ ހުރިހާކަމެއްވެސް ގާތް ގަނޑަކަށް...!! މީ ކުށް ވިސްނުމެއް ނަމަ ރަނގަޅު ކޮށްލަދެއްވާ....!!