ކޮވިޑް-19 އަށް ބަޔަކު ފައްސިވުމުން މޮނިޓަރިންގެ ހާލަތައް ގެނެސް އަރައި ފޭބުން މަނާކޮށްފައި އޮތް ގދ.ތިނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

މޮނިޓަރިންގެ ހާލަތު އުވާލައި ތިނަދުއަށް އަރައި ފޭބުމުގެ ހުއްދަ މިއަދު ދިނީ އެރަށް މޮނިޓަރިންގެ ހާލަތައް ގެނައިތާ ދިހަ ދުވަސް ފަހުންނެވެ.

ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ތިނަދޫ މޮނިޓަރިން އަށް ލާފައިވަނީ އައްޑޫ އޭވިއޭޝަން އިހަލާއި ގުޅުންހުރި މީހަކު ތިނަދޫއިން ފައްސި ވުމާއި ގުޅިގެން އެވެ. އޭގެ ފަހުން އެރަށުން ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކެއް ވެސް ކޮވިޑް-19 އަށް ފައްސިވެފައި އެވެ.

އައްޑޫ އިހަލާއި ގުޅުންހުރި އިތުރު ދެ މީހަކު ވަނީ ތިނަދޫން ކޮވިޑަށް ފައްސިވެފައި އެވެ. އަދި ތިނަދޫގައި ކޮވިޑް-19 އަށް ފައްސިވެފައި ހަތަރު މީހުން އެބަތިއްބެވެ.

ތިނަދޫ މޮނީޓަރިން ހާލަތުން ނަގައިފައިވަނީ ތިނަދޫއިން ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު އެމީހުންގެ ނަތީޖާތައް ނައްސިވުމުންނެވެ.