އައްޑޫ ސިޓީ ހުޅުމީދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ ރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެމްޓީސީސީގެ ސައިޓްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ފިރިހެނެކެވެ. އެމީހާއަކީ މީގެކުރިން ކޮވިޑް-19 އަށް ފައްސިވި މީހާއަކާ ޑައިރެކްޓު ކޮންޓެކްޓް ވެގެން ކަރަންޓީންގައި ހުރި މީހެކެވެ.

އެމީހާގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން، ނަތީޖާ ކޮވިޑަށް ފައްސިވެފައިވާ ކަމަށްވެއެވެ.

މިއާ އެކު، އައްޑޫ ސިޓީ ހުޅުމީދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 26 އަށް އަރައިފައެވެ. އެ ރަށުން މުޅިން ވެސް ފައްސިވީ ބިދޭސީންނެވެ.

މިވަގުތު އައްޑޫ ސިޓީގައި ދެ އިހަލެއް އޮތް އިރު، ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނަށް ވެސް ކޮވިޑް-19 ޖެހިފައިވެއެވެ. އޭވިއޭޝަން އިހަލުން ފައްސިވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ. މިހާތަނަށް އައިއިރު، މި އިހާއާ ގުޅުން ހުރި މީހުން ހިތަދޫގެ އިތުރުން، ފޭދޫ އަދި މަރަދޫ ފޭދޫ އަދި ގދ. ތިނަދޫން ވެސް ފެނިފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ

މިއާއެކު އެ ސިޓީން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 63 އަށް އަރާފައެވެ.