ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ތައިރޮއިޑް ޓެސްޓް ނުހެދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ހއ. އަތޮޅު ކައުންސިލް މެމްބަރު އަދި ޕީޕީއެމްގެ ޓިކެޓުގައި ކެލާ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ އަބްދުﷲ އިންފާޒް ރަޝީދު "ވަގުތަށް" ވިދާޅުވީ ތައިރޮއިޑް ޓެސްޓް ނުހެދިގެން އުޅެނީ އެކަމަށް ބޭނުންވާ ރީއެޖެންޓް ކޮޅެއް ނުލިބިގެން ކަމަށާއި މިކަމުގެ ސަބަބުން އެތައް ބަޔަކު ހިދުމަތުން މަހްރޫމްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގިނަ މީހުން ތިން މަހުން ތައިރޮއިޑް ޓެސްޓް ހަދަން ޖެހޭ އިރު އަތޮޅު ހޮސްޕިޓަލުން އެ ހިދުމަތް ނުލިބުމުން ދާން ޖެހެނީ ހދ. ކުޅުދުއްފުއްޓަށް ކަމަށެވެ.

ނަމަވެސް ގިނަ ފަހަރަށް ކުޅުދުއްފުށިން ވެސް އެ ހިދުމަތް ނުލިބުމުން ދާން ޖެހެނީ މާލެ އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓާޝިއަރީ، މީގެ މާނައަކީ މިކަންވަންދެން ތާށި އެރުވުންބާ؟ ހއ. އަތޮޅު ހޮސްޕިޓަލުން ތައިރޮއިޑް ފަންކްޝަން ޓެސްޓް ހަދަން ބޭނުންވާ ކެމިކަލް ރީއެޖެންޓް ހުސްވެފަ ހުންނަތާ ތިން މަސް ދުވަހަށް ވުރެ ގިނަ ވަނީ, ލިބޭނެ ދުވަހެއް ވެސް ނޭނގެ. 24،000 މީހުންގެ އާބާދީއަށް ޚިދުމަތް ދޭން ހުރި ހޮސްޕިޓަލްގެ ކަން ހުރި ގޮތް މިއީ. ކެމިކަލް ހުރިއްޔާ މެޝިނެއް ނުހުރޭ، މެޝިން ހުރިއްޔާ ކެމިކަލެއް ނުހުރޭ. ރާއްޖެތެރެ ވީމަ ވާ ގޮތްބާ؟ ބަޖެޓުގައި ކޮންމެ އަހަރަކު ވެސް ތާށި އެރީ ފެންވަރަށް ތަރައްގީ ކުރަން ލިޔެވޭ، ކަންވާ ތަނެއް ނުފެނޭ. ހިދުމަތްތައް ވަނީ ތާށި." އިންފާޒް ވިދާޅުވިއެވެ.

އިންފާޒް ވިދާޅުވީ ތައިރޮއިޑް ޓެސްޓް ހެދެން އަންނަނީ އެ ޓެސްޓް ހެދުމަށް ބޭނުންވާ ރިއޭޖެންޓް ލިބުމުން ކަމަށްވާ އިރު، ސަރުކާރުންވީ އެންމެ އަވަހަކަށް އެ ރިއޭޖެންޓް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ހަ މަހަށް ވުރެ ގިނަ ދުވަހު މި ހިދުމަތް ހޮސްޕިޓަލުން ނުލިބެ ދާ ދިއުމާ ގުޅިގެން ރައްޔިތުންގެެ ޖީބުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހއ. ހޮސްޕިޓަލްގައި ޓައިރޮއިޑް ޓެސްޓު ހަދަން ފަށައިފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ސާދަ ރަށުގައި މީހުން ދިރިއުޅޭ ހއ. އަތޮޅުގެ މީހުން ގިނަ ބޭނުންތަކަށް ގޮސް އުޅެނީ ވެރިކަން ކުރާ ދިއްދުއަށެވެ. އެއީ ސިއްހީ ހިދުމަތްތައް ހޯދުމަށާއި ވިޔަފާރި ކުރުން ފަދަ އެކިއެކި ބޭނުންތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަތޮޅު މީހާ

    އަސްލުވެސް ހިދުމަތް ހަމަ ސުމެއް. މި ސަރުކާރަށްވެގެން އަތޮޅު ހޮސްޕިޓަލް އަނަރޫފަ ކޮށްލައިފި

  2. ގުއިބެ

    މާ އެނގެނި

  3. ފާޠުން

    އދ.އަތޮޅު ހޮސްޕިޓާލްގެވެސް ހާލަކީހަމަތީ