ސިނަމާލެ ފްލެޓްތައް ހުރީ މަރާމާތުކޮށްގެން އުޅެވޭ ހާލަތުގައި ނޫން ކަމަށާއި އެ ތަންތަން ޖެހޭނީ އެއްކޮށް ތަޅާލުމަށް ފަހު އަލުން އިމާރާތް ކުރަން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް އެގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްްވި ސުވާލަކަށް ޖަވާބުދެއްވަމުންނެެވެ.

ސިނަމާލެ ފްލެޓްތައް ވީރާނާ ވަމުން ދާއިރު އެކަމާ މެދު ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅަކީ ކޮބާތޯ މީކާއިލް ސުވާލުކުރެއްވިއެވެ.

"ސިނަމާލެ މާލެ ހިޔާ މި ދެ ފްލެޓަކީ މިހާރު ހަމަ ބޮލަށް ވެއްޓޭ ހިސާބަށް ގޮސްފައި އޮތް ދެ ތަން. މިތަނަށް އޮތް ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ؟" މީކާއިލް ސުވާލުކުރެއްވިއެވެ

އެ ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ސިނަމާލެއާއި އަދި މާލޭ ހިޔާގެ ފްލެޓްތަކަކީ މަރާމާތު ކޮށްގެން ގެންގުޅެވޭ ވަރަށް ވުރެ ހާލަތު ގޯސް ތަންތަން ކަމަށެވެ. އެހެންކަމުން އެތަން ތަޅާލުމަށް އަލުން އިމާރާތްކުރަން ޖެހިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ،

" ސިނަމާލެ ފްލެޓްތަކަކީ ވަަަރަށް ޒަމާންވީ ތަންތަން. މިނިސްޓްރީގެ ބެލުމުގެ ދަށުގައެއް ނޫން ސީދާ ހުންނަނީކީ ވެސް. އެތަންތަނަކީ ޑިމޮލިޝް ކޮށްފައި އަލުން އިމާރާތް ކުރަން ޖެހޭ. އެއީ ރިޕެއަކޮށްގެން ގެންގުޅެވޭނެ ތަންތަނެއް ނޫން. ހަނދުމަފުޅު ހުންނާނެ އެތަންތަނަކީ އެންމެ ފުރަތަމަ އެތަން ހެދި އިރު ކައުންސިލް ޕްރޮޕަޓީޒް ގޮތުގައި ކައުންސިލް ހައުސިންގެ ގޮތުގައި ހެދި ތަންތަން،" އަސްލަމް ވިދާޅުވިއެވެ.

އެ ތަންތަނުގެ މިލްކުުވެރިކަން ދީފައިވާ މީހުން ތިބުމުން، އެ މީހުންގެ އެތަންތަން އަލުން ހެދިދާނެ ކަމަށް ވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

އެ ފްލެޓްތައް އިމާރާތްކޮށްފައިވަނީ ކައުންސިލް ހައުސިންގެ ގޮތުގައިކަމަށް ވީނަމަވެސް އެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރުމަށް މާލޭ ސިޓީ ކައުންސިލަށް ގޮންޖެހުންތައް އެބަހުރި ކަމަށް އަސްލަމް ވަނީ ފާހަގަ ކުރައްވައިފައެވެ. މާލެ ހިޔާއާއި ސިނަމާލެ ފްލެޓްތައް ބަލަހައްޓަމުން ދަނީ ސިޓީ ކައުންސިލްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަން

    ހުރަވީ އަދި ޖަސްޓިސް ބިލްޑިންގ ވެސް.

    11
  2. އަހުމަދު

    ވަރައް ރަނގޅު ވަާހަކަ ކޮޅެއް .އަވަހައް ފުލެޓު އަޅާފަ އެ ބޭފުޅުން ފުލެޓު ހަވާލު ކުރޭ.

    6
    1
  3. ހ

    މީހުންނަށް ލިބިފަ ރަޖިސްޓްރީ ވެފަ ހުރި ތަންތަން.... ވަންނާނޭ ތަނެއް ނުދައްކާ ބޭރުކުރުމަކީ އަނިޔާއެއް

    9
    1
  4. ޖޮނަތަން

    ތަޅާލާފަ ވިޔަފާރި އުސޫލުން ހަދާ..އެއިރުން އޯކޭ ވާނެ.

  5. ނަންރީތި ހުސޭނު

    4 ބުރީގެ ފްޅެޓްތައް މަރާމާތު ނުކުރެވޭބަޔަކައް 16 ބުރީގެ 25 ޓަވަރު ވަރައް އުސްވާނެ. އަސްލަމްމެންގެ ވިސްނުމަކީ 10 ފޫޓުގެ ހަރުގަންޑެއްގެ މައްޗައްއެރީމަ އަތްނުފޯރަންޔާ މާއުހޭ. އެކަމު މިއޮތް ތަރައްގީ އަދި ޒަމާނީ ދުނިޔޭގަ އަސްލަމް މެންކަހަލަ މަމޮޅުމީހުންގެ ވިސްނުން ތިހިންގަނީ ނޭފަތުކުރިޔާ ހަމަޔައް. މަގާމުން އިސްތިއުފާ ދިނުން މާތާހިރު

  6. ސޯކާބެ

    ތަޅާފގަ އަލުން ހަދާނީ ކިހިނެއްތޯ މިހާރު ފުލެޓް ތޮޔަ އަޅަނީ ތަންތަނުން ސަލާން ޖަހައިގެންނާއި ލޯނު ނަގައި ރައްޔިތުމީހާ ގެސްޓަކައްހަދާ ގެސްޓް ހައުސް ހިންގަމުން އަދިވެސް ރައްޔިތުންގެ ވިންދޭ ކިޔާ ވޯޓްހޯދަން އަންނާތީ

    1
    1
  7. ކަނބުލޮ

    މީހުން އެތާ ދިރިއުޅޭނެ ދޯ ތަނެއް ދެވެންދެންވެސް އުޅެންޖެހޭނީ ހަމަ އެތާ. ވީމާ އެތަން މަރާމާތުވެސް ކުރަންޖެހޭނީ ސަރުކާރުގައި އެވަގުތެއްގައި އެ ތިބިބަޔަކު. އެއީ އަސްލަމް ކަމުގައި ވިޔަސް އެކަން އޮތީ އެގޮތަށް.

  8. އަސާސީ ހައްގު

    ތަޅާލާ. ގޯތި ދީ. ފުލެޓު އެޅުން ހުއްޓާލާ. އެންމެނަށް ބިން ދީ. ހައްގު ކަށަވަރު ކޮށްދީ. ވާނެތަ؟؟؟ ނުވަންޏާ ދެން ތީ ކީއްކުރާ މީހުންތަކެއް. އެއްވެސް ބޭނުމެއް ނެތެއްނު.