ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ޑޮލަރު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ނުވަދެ ބޭރުގެ ބޭންކްތަކަށް ޖަމާކުރާތީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހާރޫނު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ކުރާ ވިޔަފާރިތަކުގައި ބޭރު ގައުމުތަކުގެ ޕީއޯއެސްް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ރާއްޖެ އަށް އަންނަ ޓޫރިސްޓުން ހަދާ ބުކިންތަކުގެ ފައިސާ ވެސް އެގޮތަށް ބޭރުގެ ބޭންކްތަކަށް ޖަމާކުރަމުންދާ ކަމަށާއި އެހެންވެ، އެ މުއާމަލާތްތަކުން ދައުލަތަށް ލިބެންވާ ފައިސާ ވެސް ނުލިބޭކަން ފާހަގަކުރެވޭ ކަމަށް ގަރާރުގައިވެއެވެ.

ގޮތުން 2019 ވަނަ އަހަރު ރާއްޖޭގައި 4.1 ބިލިޔަން ޑޮލަރުގެ ވިޔަފާރި، ބޭރު ފައިސާއިން ކޮށްފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަދެފައި ވަނީ އަދި ރާއްޖޭން ބޭރުވެފައި ވަނީ ކިހާވަރެއްކަން އެނގެން ނެތް ކަމަށްވެސް ގަރާރުގައިވެއެވެ.

މި މައްސަލަ އަށް ހަައްލެން ހޯދަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިނގާ އެންމެހާ ވިޔަފާރިތަކަށް ސޭލްސްގެ ގޮތުގައި ލިބޭ ފައިސާ އާއި އެ ވިޔަފާރިތަކުން އުފެދޭ އެހެނިހެން އާމްދަނީ އަކީ ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރުކުރުމަށް ޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބޭންކަކުން ދޫކުރާ ޕީއޯއެސް ނޫނީ ރާއްޖޭގައި ބޭނުންކުރުން ހުއްޓުވުން ނުވަތަ މަނާކުރުން މުހިއްމުކަން ގަރާރުގައި ފާހަގަކުރިއެވެ.

ރާއްޖޭގައި ކުރާ ވިޔަފާރީގެ މުއާމަލާތެއްގައި އޮންލައިންކޮށް ފައިސާ ދެއްކި ނަމަވެސް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް އެ ފައިސާ ވަންނަ ގޮތަށް އުސޫލުތައް ކަނޑައަޅަން ވެސް ގަރާރުގައި ގޮވާލިއެވެ. ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްޓަކައި އުސޫލުތަކަށާއި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ވެސް ގަރާރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަބްދުއްލަޠީފު

  ތިކަަަމެއްނުކުރެވޭނެ. އަދި އަމުދުން އެމްޑީޕީގެ މެޖޯރިޓީ މަޖިލީހައް ތިކަން ނުވާނެ. ނުވެސް ކުރާނެ.

 2. އަޙުމަދު

  އަދި ކިރިޔާ ކަމުދާ ކަމެއް ކުރެވެން މިއުޅެނީ

 3. ދިވެހި ގައުމުގެ ދަރިޔާ

  ރައްޔިތަކަށް ފައިދާ ވިޔަ ނުދޭތި..ފައިދާވާން އޮތް ހުރިހާ ދޮރެއް ބަންދުކުރާތި. ގަރާރު ސަރުކާރު.. ދައުލަތުގެ ބާރުތަކުގެ ވެރިންގެ އިޙްލާސްތެރިކަމެއް ހުރިއްޔާ ބޭރު ބޭންކުތަކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓްތައް ބަންދުކޮށް ޑޮލަރ ރާއްޖޭގެ ބޭންކުތަކަށް ގެންނަން ކެރޭނެތަ..؟

 4. ޢަދުރޭ

  ޑޮލަރުގެ ރިޒާވް ހިފެހެއްޓުމަށްޓަކައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ބޮޑު ޢަދަދެއް އެ ޤައުމުތަކުގެ ބެންކަކަށް ޑިޕޮޒިޓް ކޮށްފައި ބޭންކު ސްލިޕް ގެންގޮސް ދެއްކުމުން އެބަ ޕާމަނެންޓް ރެޒިޑެންސީ ދޭ . ޔޫރަޕްގެ ޕޯޗުގަލް ވެސް އެއީ އޭގެ ޤައުމެއް. . މި ރާއްޖޭން މިހާ ފަސޭހައިން ޑޮލަރު ބޭރު ކުރެވެންޏާ އަދި ރާއްޖޭގެ ބޭންކުތަކަށް ރާއްޖޭގެ ވިޔަފާރިތަކުން ވަންނަ ފައިސާ ޑިޕޮޒިޓް ކުރުމުގެ މަޖުބޫރެއް ނެތިއްޔާ ބޮޑެތި ވިޔަފާރިވެރިން މިކަން ނުކޮށް ތިބޭނެކަމެއް ނެތް