އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުން ދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ކުރި ނެރުނު އެންގުމުގެ މުއްދަތު އިތުުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އެ ސިޓީ ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ އެ ސިޓީން ކޮވިޑް ފެނި އެ ސިޓީ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާތި، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު މަޣްރިބް ނަމާދުން ފެށިގެން އަންނަ ހަފްތާ އަންގާރަ ދުވަހުގެ އިޝާ ނަމާދާއި، ހަމަައަށް އެ ސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ނުހެދުމަށް ދަންނަވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތްތަކުގައި ހަމަ އެކަނި ބަންގި ގޮވުމަށާއި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ކަމާއި ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށުން މިހާތަނަށް 37 ބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެ އަތޮޅު ހުޅުމީދޫއިން 25 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު