ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ ބަންދުގެ މުއްދަތަށް ކޯޓުން ތިން ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

އޭނާގެ ގާނޫނީ ވަކީލުން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރަން ރާވާފައިވުމެވެ. މި ގޮތުން އެއީ އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް މުޒާހަރާ ކުރަން ރާވާފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި ބަންދު ކުރުމަށް ފުލުހުން އެދިވަޑައިގަތް ސަބަބެއްގެ ގޮތުގައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް އޭނާ ވުމެވެ.

ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި މުހައްމަދު އިސްމާއީލްގެ އިތުރު ދެ މީހަކުގެ މައްޗަށް ވެސް މި ތުހުމަތުތަކުގައި ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވެއެވެ. މި ދެ މީހުނަކީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އާންމު މެންބަރުންނެވެ.

މި އެންމެންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން މިރޭ ހުށަހަޅާނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ގެންދަނީ ކޮންމެ ދުވަހަކު ހެން މާލެ މަގުމަތީގައި މުޒާހަރާ ކުރަމުންނެވެ. އަދި ކޮންމެ ހުކުރު ދުވަހަކަށް ތަފާތު ޝިއާރުތަކުގައި ބޮޑެތި އެއްވުންތައް ރާވައެވެ. މިއީ "ސީދާ ހަރަކާތަށް" ނުކުންނަން އިދިކޮޅު ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ކައުންސިލުން ގަރާރެއް ފާސްކުރުމަށް ފަހު ކުރިއަށްދާ މުޒާހަރާތަކެކެވެ.

މި ގޮތަށް މުޒާހަރާގެ ހަރަކާތްތައް ޕީޕީއެމްއާއި ޕީއެންސީއިން އިތުރު ކޮށްފައިވަނީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން ތާއީދުކޮށްފައިވަނިކޮށެވެ.

ރައީސް ޔާމީންގެ މައްޗަށް ނޮވެމްބަރު 28، 2019 ގައި ހުކުމް ކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ދައުލަތުން ތުހުމަތުކޮށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. މި ހިޔާނާތާ ގުޅުވައި ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް ދައުލަތުން އުފުލިއިރު، އޭގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮމިޔުނިސްޓް

  މުޖުތަމައުއައް ނުރައްކާވަނީ މުޒާހަރާއައް މަގުމއްޗައް ނުކުތީމަތަ އެހެންކަމައްވާނަމަ ގާނޫނުއަސާސީގައޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެބާބު އުވާލާ

 2. ސަނީ

  ތާ އަބަދު ވެރިކަމު ބަގުޑި ބައްދައިގެން ނޫޅެވޭނެ..
  އިބޫ އައްވެސް ތިޔަ ހާލު ޖެހޭނެ ދުވަހެއް އަންނާނެ

  7
  1
 3. ދަރަނި ދަންތުރަ

  ކެނެރީގޭ ލާދީނީ ސޮރު މާލޭތެރޭ ލާޗާރު ބިޗާރަށް ތެޅުނަސް ހެޔޮދޯ މައިމޫނާގެ އަމުރަށް ކިޔަމަންވާން ޖެހޭ މީހެއްނޫންދޯ އެއީ ލޮކުޑައުން ދުވަސްވަރުވެސް ގޭގެއަށް ކާން ދެވޭ ނަސީދު އާޒިމް އަށް

  2
  1