ތ. ތިމަރަފުށީގައި ދޯންޏެއްގެ ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށް ފަހު، ތިމަރަފުށީ މަދަރުސާއެއް ގޮއްވާލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި އަށް މީހުންގެ ޝަރީއަތް މާދަމާ ފަށަން ތާވަލު ކޮށްފިއެވެ.

މައްސަލައިގައި ހައްޔަރު ކުރި އަށް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދައުވާ ކުރާ މީޙުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 14:00 ގައެވެ.

ފުލުހުން ވިދާޅުވީ، އެމީހުން އައިއީޑީއެއް ތައްޔާރުކުރުމަށްފަހު އެ ގޮއްވާލައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިޔަ ކަމަށެވެ. މި ގޮތުން ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެބެއް ގޮއްވާލަން ރޭވި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ދައުވާ ކުރާ މީހުންގެ ތެރެއިން ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްގެ މައްޗަށް ތިން ދައުވާއެއް ކުރިއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާއެވެ.

ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފްގެ މައްޗަށް ވެސް ދެ ދައުވާއެއް ކުރިއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ، އެއީ ނިރުބަވެރި ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރުގެ މައްޗަށް އުފުލާފައިވަނީ އެއް ދައުވާއެވެ. އެއީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ ތެރެއިން ހަ މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ބާކީ 2 މީހުން ހައްޔަރު ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.