ވިލިމާލޭގައި ހުންނަ އެމް.އެން.ޑީ.އެފް ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރުސީސީ) ޖަޕާން އާއި ޔޫ.އެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން 3.7 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ، މި މުހިންމު މަޝްރޫއަށް ހަރަދުކުރައްވާ ޖަޕާނު ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއީ ތިން އަހަރުގެ ޕްރޮޖެކްޓެކެވެ. މި އެހީގެ ތެރެއިން އެމްއާރުސީސީންގެ ތިން ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ. މި އިމަރާތުގައި ޓްރެއިނިންގ ފެސިލިޓީ އަކާއި ލައިބްރަރީއެއް ހުންނާނެ އެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން އެ އިމާރާތަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއްވެސް ހަަމަަޖައްސާ ދޭނެއެވެ.

މި ޕްރޮޖެކްޓްގެ ބާކީ ހުރި ދެ އަހަރު ހޭދަކުރާނީ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، މިއަދު ދިވެހި މުޖްތަމައުގެ ހުރިހާ ދާއިރާއެއްގައިވެސް، ޖަޕާނުގެ އެހީތެރިކަމާއި އޯގާތެރިކަމުގެ ހެކިތައް ފެންނަން ހުރިކަމަށެވެ.

މިދިޔަ އޯގަސްޓްމަހު، ޖަޕާނުގެ އެހީތެރިކަމާއެކު، ޔޫ.އެން.އޯ.ޑީ.ސީން މެދުވެރިވެގެން، އެމް.އާރު.ސީ.ސީއަށް ހަދިޔާކުރި ފަންނީ އާލާތްތަކުގެ ސަބަބުން، އެސެންޓަރުގެ މަސައްކަތަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައިވާކަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.