ކޮވިޑް-19 އިން ރައްކާތެރިވުމަށް އައްޑޫގައި އިއުލާނު ކޮށްފައިވާ ކާފިއު އާއި ހިލާފުވެގެން މިހާތަނަށް 75 ބޭފުޅަކު ޖޫރިމަނާ ކޮށްފިއެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން (އޭއީއޯސީ) މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިހާތަނަށް ކާފިއު އިއުލާނު ކުރިފަހުން 75 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 13 މީހަކީ ރޭ ކާފިއު ވަގުތު ބޭރުގައި އުޅުނު މީހުން ކަމަށް އަމީން ވިދާޅުވިއެވެ.

"ކާފިއު ގަޑީގަ ގިނަ ބޭފުޅުން މަގުމަތީގައި ހަރަކާތްތެރިވާތީވެ ރޭ ދަންވަރު ކާފިއު ވަގުތުގައި 13 ބޭފުޅަކު މަގުމަތީ އުޅެނިކޮށް ޖޫރިމަނާ ކުރެވިފައިވަނީ. މުޅި ޖުމްލަ މިހާތަނަށް ކާފިއު އިއުލާނު ކުރިފަހުން 75 ބޭފުޅުން ޖޫރިމަނާ ކުރެވިފައި އެބަވޭ ކާފިއު ގަޑީގައި ބޭރުގައި އުޅެގެން" އަމީން ވިދާޅުވިއެވެ.

އައްޑޫއިން 75 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، އަމީން ވަނީ ގިނަ ބަޔަކަށް ނަސޭހަތް ދީފައިވާކަން ވެސް ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ، ކުރިއާއި އަޅާ ބަލާއިރު، ގިނަ ބަޔަކު މާސްކު ނުލައި ނުވަތަ ދަތްދޮޅިއާއި ހިސާބަށް މާސްކު ތިރިކޮށްގެން އުޅޭ މަންޒަރު ފެންނަ ކަމަށެވެ. އެފަދަ ކަންކަން ނުކުރުމަށް އަމީން ވަނީ އިލްތިމާސް ކޮށްފައެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮވިޑް-19ގެ ވޭދަނަތައް ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭގަނޑު 20:00 އިން ފެށިގެން ފަތިހަ 4:00 އާއި ހަމައަށް ކާފިއު އަންނަނީ ހިންގަމުންނެވެ.

އައްޑޫގައި ކޮވިޑް-19ގެ ދެ އިހާ އުޅޭއިރު، މިހާތަނަށް 63 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ ހުޅުމީދޫއިންނެވެ.