މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ހުރިހާ މީހުން ވީ އެންމެ އަވަހަކަށް ވެޖްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަނެއްކާ ވެސް އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން ރޭ ކުރި އިއުލާނެއްގައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިން ސެންޓަރުތަކަށް ދިއުމަށް ދަތިވާ މީހުން ސެނަހިޔާ ހޮސްޕިޓަލްގައި ވެކްސިން ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެގޮތަށް ވެކްސިން ޖަހަން ބޭނުންވާ މީހުން 1676 އަށް ގުޅުމުން ވެކްސިން ޖެހުމަށް ގަޑި ހަމަޖައްސައި ދޭނެ ކަމަށް ވެސް އެޗްޕިއޭ އިން ކުރި އިއުލާންގައިވެއެވެ.
އުމުރުން 65 އަހަރަށް ވުރެ މަތީގެ މިހުންނަށް މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޔޫތު ސެންޓަރުގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލްގައެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގެ ކަންކަން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާއިރު މިހާރުވަނީ އުމުރުން 35 އަހަރުން މަތީގެ އެންމެންނަށްވެސް ވެކްސިން ދޭން ފަށައިފައެވެ. އަދި އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސް ފަރުވާކުރާ މީހުންނަށްވެސް ވެކްސިން ދޭން ވަނީ ފަށައިފައެވެ.
އަދި މާލޭގެ އަށް ސެންޓަރަކާއި އަތޮޅުތަކުގެ 66 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި މިހާރު ދެމުންދަނީ އިންޑިއާގެ ސިރަމް ކުންފުނިން އުފެއްދި ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް އައިއިރު، ރާއްޖެ އިން 60،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ވަނީ ދީފައެވެ.
ރާއްޖެ އިން މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 58 މީހަކު ވަނީ ނިޔާވެފައެވެ.
ކުރިއަރާފަ ތިބި ގައުމުތަކުން ތިޔަ ވެކްސިން މަނާ ކުރާއިރުވެސްތަ ؟؟