މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް އަންނަ ހަފުތާގައި ޖަވާބު ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްއިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެއްވާ ރިޔާސީ ބަޔާނުގެ ޖަވާބު އަންނަ ހަފުތާގައި އިއްވާނެ ކަމަށެވެ.

"ރިޔާސީ ބަޔާނުގެ ޖަވާބުގައި، ސަރުކާރުން އިތުރަށް ސާފުކޮށްދޭން ޖެހޭ ކަމަށް ބެލެވޭ ކަންކަމަށް ސަރުކާރުން ޖަވާބުދާރީވާނެ ކަމަށް އުއްމީދު ކުރަން،" ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވާފައިވާ އެ ޓްވީޓްގައި އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެއެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެއެވެ.

މަޖިލީހުގައި ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވި އިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ ޕީޕީއެމްގައެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. ޕީޕީއެމްއާއެކު އެއް ކޯލިޝަނެއްގައި މަސައްކަތް ކުރާ ޕީއެންސީގެ ތިން މެންބަރުން ތިއްބަވައެވެ. ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުން ތިއްބަވާއިރު އަމިއްލަ ހަތަރު މެންބަރުން ތިއްބައެވެ. ދެން އިންނަވަނީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަނީމަނީ

    ރިޔާސީ ބަޔާނަށް ޖަވާބު ދިނުމައްވުރެ މުހިންމު ކަޓުވާލި ފައިސާ ވީތަތަނެއް ބުނެދިނިއްޔާމު އެއީ ރައްޔިތުންގެފައިސާ ކިތައްރަށުގެ ބަނދަރު އެފައިސާ އިން ހެދޭނެ ކިތައް އެއާރ ޕޯޓް އެފައިސާއިން އެޅޭނެ...

    4
    4
  2. ހަޖަމް

    "އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެއްވާ ރިޔާސީ ބަޔާނުގެ ޖަވާބު އަންނަ ހަފުތާގައި އިއްވާނެ ކަމަށެވެ."
    ސުވާލަކީ ޢަހުމަދު ސަލީމު ދެއްވާ ރިޔާސީ ބަޔާނެއްތޯއޭ؟ ބޯހަލާކު. ލިޔެވޭތޯބަލާތި. އުސާމޫ.