ތ. ތިމަރަފުށީގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ މީހުން، ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް ކަމަށް ފުލުހުން ހާމަކުރި އިރު، އެ ރަށުގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އުޅުނު މައްސަލައިގައި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ:

  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ
  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ
  • އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
  • ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
  • އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް

އެމީހުންގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ވަނީކޮށްފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ހާމަކުރާ ލިޔުމެއް ގެންގުޅުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށް ވުމުގެ ދައުވާއެވެ.

އަދި ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން އުޅުމުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ވެސް އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުލަތުންކޮށްފައިވެއެވެ.

މި ހުރިހާ އެންމެންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށި އިރު، އެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ކޯޓުން ނިންމީ އެ މީހުން ދޫކޮށްލައިފިި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ވިދާޅުވި ގޮތުގައި އައިއެސް ޖަމާއަތަށް ތާޢީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.

އައިއެސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނިރުބަވެރި އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. އޭރުގައި ފުލުހުން ވިދާޅުވި ގޮތުގައި އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު އިރު އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ވަނީ ފެނިފައެވެ. އެގޮތުން ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ވަނީ ފެނިފައެވެ.

މި މީހުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދިއުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑަމީ

    ބަލަ ކޮބާހޭ ދީނީ ރަނގަޅު ކުދިން ކޮޅެށް ހަށްޔަރު ކުރުމުގެ ބޭނުމަކީ. މި އުޅޭ ލާދީނީ ބައިގަނޑު އެހެން މީހަކާ ނުބެހުނަސް، އެމީހުން ހަށްޔަރު ކުރުން މާ މުހިންމު. ލާދީނީ ނަށީދު ގަނޑު!

    7
    3