ގއ. އަތޮޅު ލީގު ޒަމާނީ ބަށިބޯޅަ މުބާރާތު ފައިނަލް މެޗާ ހަމައިން ވަގުތީ އަމުރެއްނެރެ ހުއްޓުވައި ދެ މަހާ 26 ދުވަސް ބޭއްވި މައްސަލާގައި ގއ.ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިނަށް ނަސޭހަތްދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، ގއ. އަތޮޅުލީގް ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް އިޢުލާން ކޮށްފައިވަނިކޮށް މި މުބާރާތް ކުރިއަށްދަނީ މުބާރާތުގެ ޤަވާއިދުތަކާ ހިލާފަށް ކަމަށް ބުނެ ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅި ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ވަގުތީ އަމުރެއްނެރެ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ހުއްޓުވާފައިވާ މައްސަލައަކީ އަވަހަށް ބަލައި ނިންމަންޖެހޭ މައްސަލައަކަށްވާއިރުމ އެ ޤަޟިއްޔާ ހިންގައި ނިންމުން އެކަށީގެންނުވާ މިންވަރަށް ލަސްކޮށް އެ ޤަޟިއްޔާ ހިންގުމުގައި އެ ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން އަމަލުކޮށްފައިވަނީ އެކަށީގެންނުވާ ގޮތަށް ކަމަށް ބުނެ މައްސަލައެއް ހުށަހެޅުނު ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

"ގއ. އަތޮޅު ލީގު- ޒަމާނީ ބަށިބޯޅަ މުބާރާތުގެ 11 މެޗްގެ ތެރެއިން 10 މެޗްކުޅެވި ފައިނަލް މެޗާ ހަމައިން ވަގުތީ އަމުރެއްނެރެ ހުއްޓުވައި 2 މަހާ 26 ދުވަސް ބޭއްވުމަކީ އެތަކެއް ބައެއްގެ ވަގުތާއި ޚަރަދުތަކެއް އެކަމުގެ ސަބަބުން ބޭކާރުވެގެންދާނެ ކަމެއް".

އަދި އެ ކަމަކީ ފަނޑިޔާރުގެއާމެދު އާންމުންގެ އިތުބާރު ގެއްލިދާނެފަދަ އަމަލެއްކަމަށާއި، އިސްމެޖިސްޓްރޭޓް އަބްލްމުހުސިން މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.2 އާއި، އާއި، 3.1 އާއި، 3.2 އަދި 6.4 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އެހެންކަމުން އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމަށް ނަޞޭޙަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު