މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިމާޓުމަންޓުން ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ފުލުހުން ބުނެފައިވާ ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު ބަންދުން ދޫކޮށްލައިފިއެވެ.

އެ ދުވަހު ފުލުހުން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންގައި އޭނާއެކު ޖުމްލަ 9 މީހަކު ހައްޔަރުކުރިއެވެ.

އަރުޝަދުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރުމެވެ.

ފުލުހުން ވިދާޅުވީ، އެ މީހުންގެ ތެރެއިން އެންމެ އިސްކޮށް ހުރީ އަރުޝަދު ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ކުރުމުގެ ބޮޑެއް ކަމަށް ވެސް ބުންޏެވެ. އެ މައްސަލާގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އަރުޝަދު ބަންދުން ދޫކޮށްލިއިރު، އޭނާ ދޫކޮށްލާފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ނެރުނު އަމުރު މުރާޖާ ކުރުމަށްފަހުއެވެ.

އަރްޝަދުގެ މައްޗަށް ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާގޮތުގައި،އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ނަން މަތީގައި ހުޅުވާފައިވާ އެކައުންޓެއްގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށާއި އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފުލުހުން ވަނީ އެ އެކައުންޓުގައި ހުރި ފައިސާ ފްރީޒް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަދީބު ފަދައިން ތި ސޮރުގެ ބަތާ ކައިގެން ތިބި މީހުން ސަރުކާރުގެ ބޮޑެތި އުކި މަޤާމުތަކުގައި ތިބޭނެ! އެހެންވެ ތިހާ ފަސޭހައިން އެ ދޫވަނީ! އެހެންވެ ބުނަނީ މިރާއްޖޭގައި އެންމެ ހަރުކަށި އަދަބު ލިބޭ ކަމަކީ ރިހާކުރުފުޅި ވަގަށް ނެގުމޭ!