ދިހަ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް އެރަށްރަށުގެ ރަށު ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވަރޗުއަލްކޮށް ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ހަސަނެވެ. ކައުންސިލްތަކުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކައުންސިލްތަކުގެ މަންދޫބުންނެވެ.

ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމް ކުރަން ނިންމާފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ވަށަފަރ، ހއ. އުތީމު، ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ، ށ. ނަރުދޫ، އަދި ގދ. ތިނަދޫއެވެ.

މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 9،144،896.00 (ނުވަ މިލިއަން އެއްލަށްކަށް، ސާޅީސް ހަތަރުހާސް އަށްސަތޭކަ ނުވަދިހަ ހަރުފިޔާ) އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ، މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިއަން ރުފިޔާއަށް ވުރެ ކުޑަ މަޝްރޫޢުތައް އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލްތަށް މެދުވެރިކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރަށު ކައުންސިލްތަކާއި ހަވާލުކުރެވުނު މަސައްކަތެއް ކަމަށެވެ.

އެގޮތުން މިފަދަ މަޝްރޫޢުތައް ރަށު ކައުންސިލްތައް މެދުވެރިކޮށް ތަންފީޒުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫޢުތައް ތަންފީޒުކުރުމުގައި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި އެކައުންސިލްތައް ބާރުވެރިކުރުވުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި އެމް.އޯ.ޔޫ ގެ ދަށުން އެކައުންސިލްތަކުން ތަންފީޒުކުރާ މަޝްރޫޢުތަކުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެކައުންސިލަކުންނެވެ.

މީގެ ތެރޭގައި އެރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ޓެންޑަރކޮށް ކޮންޓްރެކްޓަރ ޢައްޔަން ކުރުމާއި އެފަރާތާއި އެކު އެއްބަސްވުންތަކުގައި ސޮއިކުރުމާއި އަދި މީގެ އިތުރުން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ހަދަންޖެހޭނަމަ އެމަސައްކަތްތައްވެސް ކަނޑައެޅިފައި އޮންނަ އުޞޫލުން ކުރިއަށްގެންދާނީ އެރަށެއްގެ ރަށުކައުންސިލަކުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

މި އެމް.އޯ.ޔޫގެ ދަށުން އެމިނިސްޓްރީގެ ދައުރަކީ ކޮންމެ ރަށެއްގައިވެސް މަޝްރޫޢު ކުރިއަށްދާގޮތް ބަލާ މޮނިޓަރ ކުރުމާއި އެރަށަކަށް ބޭނުންވާ ބަޖެޓް ހަމަ ޖެހިފައި އޮންނަ އުޞޫލުން އެރަށެއްގެ ކައުންސިލަށް ޓްރާންސްފަރ ކުރުމެވެ. އެހެންކަމުން ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ދެއްކުމަކީވެސް ރަށު ކައުންސިލްގެ ދައުރެއްގެ ގޮތުގައި މި އެމް.އޯ.ޔޫ ތަކުގައިވަނީ ކަނޑައަޅާފައެވެ.

ކޮންމެ ރަށެއްގައިވެސް ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކޮށް ނިމުމުން އެތަންތަނާއި އަދި އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމަންޓްތައް އެސެޓް ޓްރާންސްފަރ ހެދުމަށްފަހު އެރަށެއްގެ ރަށު ކައުންސިލްގެ މިލްކެއްގޮތުގައި ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ކަމުގައިވެސް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަފީޤް

    މިދިޔަ ސަރުކާރުގާ ކޮށްނިންމާފާ އޮތް ކަމެއް މީ. އަނެއްކާ ކީކުރަން ބިޑުކުރަނީ ؟

  2. ސައުދު

    ނިޔާޒު ފޫގަޅައިގެން ހުރޭ .ރަނގަޅު މަސައްކަތެއް.ޕާޓީ ކުދިންނަށް ރުފިޔާ ދޭނެ މޮޅުގޮތެއްހޯދީ.