ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނާ ޚިލާފަށް ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ޝަރީއަތުގައި ދަށު ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޖިހާދަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތައް ފާހަގަކޮށް ދުބާއީއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދުނެވެ. ދައުލަތުން ވަނީ އޭނާ ފުރުން މަނާކޮށްދިނުމަށް އެދިފައެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އެދުނު ގޮތަށް ޖިހާދު ފުރުން މަނާ ކުރުމަށެވެ.

މި މައްސަލަ ޖިހާދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމް ކުރީ ޖިހާދު އެދުނު ގޮތަށެވެ. އަދި ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކުރިއެވެ. މި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގައި ހިނގާ އެ ޝަރީއަތް ނިމެންދެން ޖިހާދު ފުރުން މަނާކޮށް ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރުނެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި މިއަދު ނެރުނު ހުކުމުގައި ވަނީ ޖިހާދަކީ ދައުލަތުގެ އިސް މަގާމުތަކެއް އަދާކޮށްފައިވާ ބޭފުޅަކަށް ވާތީ ފިއްލަވައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލްކަން އޭނާއަށް ލިބިފައިވާ ކަމަށް ދައުލަތުން ވިދާޅުވިޔަސް، އެއީ އޭނާ ފިއްލަވާފާނެ ކަމަށް ބެލެވޭ ސަބަބެއް ނޫން ކަމަށެވެ. އަދި ދައުލަތަށް އެފަދަ ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށާއި ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓައިގެން ދައުލަތުން އެދުނީ ވެސް އޭނާ ފުރުމުގެ ހުއްދައަކަށް އެދުމުން ކަމަށް ހުކުމުގައިވެއެވެ.

މީގެ އިތުރުން ޕާސްޕޯޓް ހިފަހައްޓަން އަމުރަށް އެދެވޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާއި އެއީ ޕީޖީއަށް ލިބިދޭ ބާރެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވެއެވެ. އަދި ކޯޓުގައި ހިނގަމުންދާ ޝަރީއަތެއްގައި މީހުން ފުރުން މަނާ ކުރަން ޕީޖީއިން ބޭނުންވާނަމަ އެ ކަން ކުރަން ޖެހޭނީ ގާނޫނު ތަންފީޒު ކުރާ އިދާރާތައް މެދުވެރިކޮށް ކަމަށް ވެސް ހުކުމުގައިވެއެވެ.

ރާއްޖޭގެ ނައިބު ރައީސް ކަމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަމާއި އެއްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ޖިހާދުގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމެއް ތަންފީޒުނުކޮށް އެއާ ހިލާފު އަމަލެއް ހިންގެވި ކަމަށް ބުނާ މައްސަލައެއްގައެވެ.

އެއީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި މައްސަލައާ ހިލާފަށް އޭނާ އަމަލު ކުރައްވާފައިވާ ކަމެކެވެ.

މި ގޮތުން ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުންނަވައިގެން ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެ ކަން އެގޮތަށް ކުރަން ޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 2013 ވަނަ އަހަރުގެ ޖަނަވަރީ 13 ވަނަ ދުވަހު ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް %50 ގެ ބަދަލުގައި، ދިވެހި ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށް ދައުލަތުން އުފުލާފައިވާ ދައުވާގައިވެއެވެ.