ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެނި މޮނިޓަރިންގެ ހާލަތުގައި އޮތް ޏ. ފުވައްމުލަކުގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް މިވަގުތު ކުރެވެމުން އަންނަ ކަމަށެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލައް ސިޓީގައި މިހާރު އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުން ގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ކާބޯތަކެތީގެ އިތުރުން ސެނިޓައިޒަރ، މާސްކް، އަންގި ފަދަތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މިހާތަނަށް 40 ކެއަރ ޕެކޭޖަސް ވަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވިފައެވެ.

މި މަސައްކަތުގައްޔާއި ފުވައްމުލައް ސިޓީގައި ޤާއިމުކޮށްފައިވާ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތުގައި ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެމުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މޮނިޓަރިންގ ޙާލަތަށް ގެނެވޭ ރަށްތަކުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ޖެންޑަރ މިނިސްޓްރީން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން މި މަހުގެ 11ން ފެށިގެން އައްޑޫ ސިޓީގެ އެކި ރަށްތަކަށްވެސް އެ މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.