އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ޑރ. ސުބުރަހްމަންޔަން ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އޭނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ، މުހައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ފޮރިން މިނިސްޓަރ ޝާހިދާއި ޑިފެންސްް މިނިސްޓަރ މާރިޔާ ދީދީ އާ ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން ގިނަ މިނިސްޓްރީތަކާއެކު އާއެކު ޖޮއިންޓް ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ.

މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު 2019 ވަނަ އަހަރު މޭއި މަހު މަގާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    އިންޑިޔާ ބޭނުންވާކަންތައްތައް މިފަހަރު ކުރާނެ. މިދާމަގުން ދަންޔާ ބޮލުގަ ރިއްސާލާއިރައް ޕެނެޑޯލް ކާޑުގަނޑުވެސް ބަލައި ދާން ޖެހޭނީ އިންޑިޔާއައް ތޯއްޗެ.