އަބްދުލްރަހީމް އަބްދުﷲ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާއަށް ހުށަހެޅި ޤަރާރު ފާސް ނުވެގެން ނޫޅުއްވާ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާގެ ޤާނޫނީ ވާޖިބު އަދާކުރެއްވުމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މި ޤަރާރު ފާސްވުމަކުން ނުވަތަ ނުވުމަކުން އެއްވެސް ހުރަހެއް ނެތްކަމަށް ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނާދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އބްދުﷲ (އަދުރޭ) ވިދާޅުވީ، މި ޤަރާރު މަޖިލީހުން ފާސް ކުރުމާއި ނުކުރުން މިއީ ހަމަހަމަ ކަމެއް ކަމަށާއި، ފާސް ކުރިޔަސް ނުކުރިޔަސް ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ބޭނުންވާ ކަމެއް ޤާނޫނީ އިމުގެ ތެރެއިން ކުރެއްވޭކަމަށް އަދި އެކަމުގެ ސަބަބުން ގަރާރުގެ ސައްހަކަންވެސް ގެއްލިގެން ނުދާނެ ކަމަށެވެ.

"މި ޤަރާރު ފާސްވުމަކުން ނުވަތަ ނުވުމަކުން ރައީސުލް ޖުމްހޫރިއްޔާއަށް ވާނެ ގެއްލުމެއް ނުވަތަ ފައިދާއެއްވެސް ނެތް، ރައީސުލް ޖުމްހޫރިއްޔާ ޤާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި އެމަނިކުފާނުގެ ޤާނޫނީ ވާޖިބު އަދާކުރެއްވުމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މި ޤަރާރު ފާސްވުމަކުން ނުވަތަ ނުވުމަކުން އެއްވެސް ހުރަހެއް ނެތް" އަދުރޭ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު ނިހާން ހުސައިން މަނިކު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވުމުގެ ކުރިން މަޖިލީހަށް ހުށަހަޅަން ނުޖެހޭނެ ކަމަށާއި، މަޖިލީހަށް ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި މި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމާއި އަދި އެ މުއްދަތު އިތުރު ކުރުމާއި މެދު ޕީޕީއެމް އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިބީ ހިތްހަމަ ޖެހިގެން ކަމަށާއި، އެކަމާ ހިތްހަމަ ނުޖެހޭ ފަރާތްތަކުން ނުވަތަ އެކަން ނަފީކުރަން ބޭނުންވާ ފަރާތްތަކުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެ އެއަށް ނޫނެކޭ ބުނާނެ ކަމަށާއި، އެހެންނަމަވެސް އެ މަންޒަރު ފެނިފައި ނުވާކަމަށް ނިހާނު ވިދާޅުވިއެވެ.

މަޖިލިސް ޗުއްޓީގައި އޮންނައިރު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުގައި އޮންނާނެ ކަމަށާއި، މަޖިލިސް ހުޅުވީމަ މެޖޯރިޓީ އޮންނާނީ ސަރުކާރަށް ތާއީދުކުރާ ފަޅީގައިކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް އަދުރޭ ތަކުރާރު ކުރެއްވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭގޮތުން ގާނޫން އަސަސީގެ 257 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރާ ވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއްނަމަ، ސާދަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެ ޤަރާރު ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރާއި ގުޅިގެން ޤަރާރުގެ ބައެއް ނުވަތަ މުޅި ޤަރާރު ފާސްކުރުން ނުވަތަ ބާތިލުކުރުމަކީ މަޖިލީހަށް ކުރެވިދާނެކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަދުރޭބުނެފިއްޔާ ރަގަޅުވާނެ އެއީފަހުބަސް ކޮންފާޑަކައްދުނިޔޭދައުޅޭނަމޭހިތާތޯތިއުޅެނީ ޅޭ

  2. ދިނަސް ނުދިނަސް ކަޑާ ކަޑާ ބަންގަޅީސް! ކަލޯ ހިތުހުރި ގޮތަކައް ކަންކަމެއް ނުހިނގާނެ ކަލަކުވޭ.

  3. ތިކަން ނޭގެނީ ކާކަށްތޯ؟ މަނިކުފާނާ ނިހާނާ ބޭނުންފުޅުގޮތެއް ތީގަ އޮންނާނީ. ދެއްތޯ!

  4. .ޔާމީނަކީ ކޮންމެ ކަނެއްވެސް ކުރެވޭނެ މީހެއް. .ކީއްކުރާ ޕާޓީތަކެއް ހުރިހާ ޕާޓީއެއް އުވާލާފައި ރަސްކަމެއް ގެނެސް ބަލަ. .ޔާމީން ގަޓްހުރިވަރު ބަލާލަން.

  5. ތިޔަހާ ފަސޭހަކޮށް ތިޔަކަން އޮތްއިރު ކީއްވެ މަޖްލިސަށް ހުށަހެޅީ....

  6. ދެން ކާކަށް ދައްކަން ޖަލްސާ ބޭއްވީ. ޖަލްސާ ބާއްވާނެ ކަމެއްނެތް. އަދުރޭ މެން ނަށް ފެންނަ ގޮތެއް ހަދާ. ވޯޓް ލާ ދުވަސް ވަރަށް ކައިރިވޭ އެބަ. އިރާދަ ކުރެވިއްޔާ 2018 ގައި ރ.ޔާމީން އަށް ނުދޭނަން ވޯޓް އެއް.

  7. ކުއްލި ޙާލަތު އިތުރުކޮށްގެންވެސް ރީނދޫ ބާޣީންގެ ކިބައިން މިގައުމާ ރައްޔިތުންނާ އިސްލާމްދީން ޙިމާޔަތް ކުރަންޖެހޭ.

  8. ހުއްބުލްވަތަން

    ދެންއަންނަ ވެރިއަކު ހުންނައިރުވެސް ތިހެން ވާހަކަ ދައްކަވަން ކެރޭނެތޯ؟ ނޫނީ ހަމަ ގަންނާ ކުރައްވާ ބިރަކުން ދެއްކޭ ވާހަކަތޯ؟

  9. މަނިކުފާނު ދެއްތޯ މިހަަރު ްާނޫން އަސާސީ އަކީ

  10. ދެންކޯންޗެއް ހޯދަން ބާއްވާ ޖަލްސާއެއް ؟ ކުއްލިނުރައްކާ ގެނެވޭނެ ގޮތްތަށް ޤާނޫނުގައި ލިއެފާ އޮށްވާ ބާރުގެ ބޭނުންކޮށްގެން ހުރިހާ ޖަރީމާއެއް ހިންގަމުން ގެންދާބަޔަކަށް އެއވެސް ޖަލްސާއެއް ބޭނުމެއް ނުވާނެ ! ކަލޭ ހިންގާފާ ހުރި ޖަރީމާތަށް ފަޅާއަރާނެތީ ހޭރުނު ހޭރުން އަދިވެސް ހަދާން އެބަހުރި !