ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާއި ގާތުން އެއްތާވުމުން (ޑައިރެކްޓް ކޮންޓެކްޓެއް) އެކަހެރިވެގެން ހުރި މާބަނޑު އަންހެނަކު އިއްޔެ ފުވައްމުލަކު ހޮސްޕިޓަލްގައި ވިހައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތަކާއި ގާތުން އެއްތާވުމުގެ ސަބަބުން ގޭގައި އެކަހެރިވެގެން ހުރި މާބަނޑު އަންހެނަކު އިއްޔެ ފުވައްމުލަކު ހޮސްޕިޓަލްގައި ވިހާފައިވާ ކަމަށެވެ. ހޮސްޕިޓަލުން ބުނީ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވަނީ މާބަނޑު މީހާ ވިހެއުމުގައި ޙަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުން އަދި އެޓެންޑެންޓުންގެ ފޮޓޯ އާއްމު ކޮށްފައެވެ.

މާބަނޑު މީހާ އަކީ ކޮވިޑް-19 އަށް ފައްސިވި މީހަކާއި ގާތުން އެއްތާވި މީހެއް ނަމަވެސް މާބަނޑު މީހާ ކޮވިޑް-19 އަށް އަދި ފައްސިވެފައެއް ނުވެއެވެ. ނަމަވެސް އޭނާ ވިއްސުމުގައި ބައިވެރިވި ޑޮކްޓަރުންނާއި ނަރުހުން އަދި އެޓެންޑެންޓުން ވެސް ތިބީ ރައްކާތެރިވުމުގެ ގޮތުން ޕީޕީއީ ލައިގެންނެވެ.

ފުވައްމުލަކުން މިއަދު ވެސް ވަނީ އެކަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.

ފުވައްމުލަކުގައި ކޮވިޑްގެ ދެ އިހަލެއް ވަނީ ފާހަގަ ކުރެވިފައެވެ. އެއީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ އިހަލާއި، އަދި އެރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކާއި ގުޅުން ހުރި އިހަލެވެ.