"މަގޭ ފްލެޓް ކޮބާ" ގެ ނަމުގައި އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާ މިއަދު ހަވީރު ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.

އިދިކޮޅުން ކުރިއަށް ގެންދާ "މަގޭ ފްލެޓް ކޮބާ" މުޒާހަރާއަކީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްގު ހޯދދުމަށް ބުނެ އިދިކޮޅުން ކުރިއަށް ގެންދާ މުޒާހަރާއެކެވެ.

މި މުޒާހަރާ އަށް އިދިކޮޅުން ނިކުމެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން އަންނަނީ ކޮންމެ ދުވަހަކު ގޮތަކަށް މާލޭގައި އެއްވުންތައް ބާއްވަމުންނެވެ.

ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްގު ހޯދައި ދިނުމަށް މި މުޒާހަރާއަށް ނިކުންނާނެ ކަން އިދިކޮޅުން ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހާމަ ކޮށްފައެވެ. އޭރު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓުގައި ކުރިން ނަން ހިމެނުނު މީީހުންގެ ނަން އުނިކުރުމާއި ގުޅިގެން ހުކުރު ދުވަހު މުޒާހަރާއަށް ނިކުންނާނެ ކަަމަށް ވިދާޅުވެފައެވެ.

އެ އިހްތިޖާޖަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުން ހާމަކުރުމަށް ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން އިންތިޒާމްކުރާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު އިދިކޮޅު ކޯލިޝަނުން މާލޭގައި މުޒާހަރާ ކުރަމުން އަންނައިރު، ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށް އަންގާފައެވެ.

އެއާއި ހިލާފަށް އިދިކޮޅުން މުޒާހަރާ ކުރަމުން އަންނާތީ ފުލުހުން އަންނަނީ މުޒާހަރާތައް ރޫޅާލަމުންނެވެ. މުޒާހަރާ ރޫޅަން ފުލުހުން މަސައްކަތް ކުރާއިރު، އާންމުންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުން ހިނގާ މަންޒަރުވެސް ފެނިގެންދެއެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުން ހައްޔަރުވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    މި މީހުން ކޮވިޑް ފަތުރަނީ

    4
    39
  2. ސަތަރޭ

    ދާނަން ކޮންމެހެންވެސް، ސަރުކާރުގެ ކަންތައް މިހަާރު އެހެރީ ހައްދުފަހަނަ އަޅާފަ..

    16
    2