ރ. އަތޮޅު ފައިނުން ގެއްލުނު ހަތަރު އަހަރުގެ ކުއްޖަކު ހޯދަމުން ދަނިކޮށް މޫދު އަޑީގައި އޮއްވާ ފެނިއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވީ، މޫދަށް ގޮސް އުޅެނިކޮށް ކުއްޖަކު ގެއްލުނު ކަމުގެ ވާހަކަ މިއަދު 17:15 އެހާކަންހާއިރު އޭނާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

މި ހާދިސާގެ ހަބަރު ލިބުމާއި އެކީ އެ ސަރަހައްދަށް ގޮސް އުޅެނިކޮށް، އާންމުންގެ މީހަކަށް ކުއްޖާ ފެނިފައިވަނީ ރާޅު ނަގާތާ މޫދު އަޑިން ކަމަށް ނާސިރު ވިދާޅުވިއެވެ. އެހެން ނަމަވެސް ކުއްޖާ ފެނިފައިވަނީ މޫދުގެ ކިހާ އަޑިން ކަމެއް ދަންނަވަން ނޭނގޭ ކަމަށް ނާސިރު ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ، ކުއްޖާ ނަގައިގެން ސިއްހީ މަރުކަޒަށް ގެނެސްފައިވަނީ 17:45 އެހާކަންހާއިރު ކަމަށާއި ކުއްޖާ ނިޔާވެފައިވާ ކަމަށް އަދި ބުނެދޭން ނޭނގޭ ކަމަށެވެ.

"ޑޮކްޓަރުން ދެންމެ ބުނެފި ކުއްޖާގެ އުއްމީދެއް ނެތް ވާހަކަ. ސީދާ ނިޔާވި ކަމަށް ކަނޑައެޅޭނީ ފުލުހުންވެސް ބަޔާން ނަގާ ހެއްދެވީމަ" ނާސިރު ވިދާޅުވިއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ މިޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެރަށު އަތިރިމަތީގައި ކުޅެން އުޅުނު ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި އޮއްވާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 1730 ގައެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފައިނު ސިއްހީ މަރުކަޒުން "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ކުއްޖާ ނިޔާވި ކަމަށް އަދި އެއްވެސް ލިޔުމެއް ނަހަދާ ކަމަށާއި އެކަމާއި ގުޅޭ ގޮތުން އެއްޗެކޭ ބުނަން އެނގޭނީ އަދި ފަހުން ކަމަށެވެ.