ކޮވިޑް-19 ފެތުރެމުން ދާތީ ފުވައްމުލަކުގައި އިއުލާންކޮށްފައި އޮތް ކާފިއު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ފުވައްމުލަކު ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ވިދާޅުވީ، ކުރިން އިއުލާން ކޮށްފައި އޮތް ކާފިއު މިރޭ ދަންވަރު 00:00 އަށް ހަމަވާތީ އިތުރު ހަތް ދުވަހަށް ކާފިއު އިތުރުކުރިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

"އެޗްޕީއޭއިން މިރަށުގެ ކޮވިޑް ހާލަތާއި ގުޅިގެން އާންމު ކޮށްފައިވާ އުސޫލުގެ މުއްދަތު މިރޭ 12 ގެ ނިޔަލަށް ހަމަވާނެ. އެހެން ނަމަވެސް އެޗްޕީއޭއިން ވަނީ އިތުރު 7 ދުވަހަށް މުއްދަތު އިތުރު ކުރި ވާހަކަ އަޅުގަނޑުމެންނަށް އަންގާފައި ވަނީ" ނިޖާހު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ކާފިއު އިއުލާންކޮށްފައި ވަނީ ރޭގަނޑު 20:00 އިން ފަތިހު 04:00 އަށެވެ. މިވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެއެވެ.

މީގެއިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ފަރާތްތަކުން އިސްތިސްނާވާނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، އެރަށުގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

އެއުސޫލުގައި ބުނެފައިވަނީ ފުވައްމުލަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، އެ ހިދުމަތް ދޭން ޖެހޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގައި މަތީން ކަމަށެވެ.

އަދި ފިހާރާތަކާއި ބޭންކު ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އޭގައި ވަނީ އަންގާފައެވެ.

އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގާފައި ވެއެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

މި ފިޔަވަޅުތަަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުން ބޯލަނބަން ޖެހޭއިރު، މި ފިޔަވަޅުތަކަށް އިސްތިސްނާވާ ފަރާތްތަކެއް ވެއެވެ. އެއީ ސިފައިންނާއި ފުލުހުނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި، އެމްބިއުލަންސާއި، އައްޑޫ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކީ އެޗްޕީއޭއިން ފުވައްމުލަކުގައި ފިޔަވަޅުތައް އަޅާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.