މި ސަރުކާރާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރާ ސިލްސިލާ މުޒާހަރާތައް ލީޑް ކުރައްވަމުން ގެންދެވި ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ތިން ދުވަސް ފަހުން މިނިވަންކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކާ ގުޅިގެން މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި ތިން ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ފަހު، އޭނާ ދޫކޮށްލީ ރޭގެ ވަގުތެއްގައެވެ.

ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ކުރި ދައުވާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރަން ރޭވުމެވެ. އެއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް މުޒާހަރާ ކުރަން ރާވާފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި ބަންދު ކުރުމަށް ފުލުހުން އެދިވަޑައިގަތް ސަބަބެއްގެ ގޮތުގައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް އޭނާ ވުމެވެ.

މުހައްމަދު އިސްމާއީލްގެ އިތުރުން ދެ މީހެއްގެ މައްޗަށް ވެސް މި ތުހުމަތުތައް ކުރިއެވެ.

މުޙައްމަދު އިސްމާއީލަކީ އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން އެތައް ފަހަރެއް މަތިން ހަައްޔަރުކޮށްފައިވާ ބޭފުޅެކެވެ. ނަމަވެސް މީގެ ކުރިން ހައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓަށް ހާޒިރުނުކޮށް އޭނާ ދޫކޮށްލައެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ގެންދަނީ ކޮންމެ ދުވަހަކު ހެން މާލެ މަގުމަތީގައި މުޒާހަރާ ކުރަމުންނެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގައި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާ ވަރުގަދަ ކުރެއެވެ. އެގޮތުން "މަގޭ ފްލެޓު ކޮބާ" ނަމުގައި އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލާފައި ވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. މި މުޒާހަރާއާ ގުޅިގެން ބައެއް މީހުން ހައްޔަރު ވެސް ކުރިއެވެ.