މ. ކޮޅުފުށީގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އެ ރަށުން ފައްސިވެފައި ވަނީ ވަކި ތަރުތީބެއް ނެތި ނެގި ސުންކު ނެގި މީހުންގެ ތެރެއިން މީހަކު ކަމަށެވެ.

އެ ރަށުގައި ކަރަންޓީނުގައި ތިބި ދެ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެކަން އެޗްއީއޯސީ އިން އަދި ކަށަވަރެއް ނުކޮށްދެއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ކޮޅުފުށިން ކޮވިޑް ވޭދަނަތައް ފެނުމުން، އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރަށުގައި ވަކި ތަރުތީބެއް ނެތި ނެގި ހުރިހާ ސުންކެއް ނައްސިވުމުން މި މަހުގެ 11 ވަނަ ދުވަހު އެ ރަށް މޮނިޓަރިން އިން ވަނީ ނަގައިފައެވެ.

ކަރަންޓީނުގައި ނެތް މީހަކު ބައްޔަށް ފައްސިވުުމުން އެ ރަށް އަލުން މޮނިޓަރިން އަށް ލުމަށް މަޝްވަރާ ކުރަމުންދޭތޯ ކުރި ސުވާލަށް އެޗްއީއޯސީން އަދި ޖަވާބެއް ނުދެއެވެ. އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ މައުލޫމާތު ސާފު ކުރުމަށް ފަހު އެކަން ހާމަކުރާނެ ކަމަށެވެ.

ކޮޅުފުށިން ކޮވިޑް-19 ފައްސިވި މީހުންގެ އަދަދު ވަނީ 34 އަށް އަރައިފައެވެ.