އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕޭން ފުޅާ ކުރުމުގެ ގޮތުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ކެމްޕޭން މެނޭޖަރަކު އަދި ކެމްޕޭން ތަރުޖަމާނަކު ހަމަޖައްސައިފިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން މައުލޫމާތު ދިން ގޮތުގައި އެ ކޯލިޝަންގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދެވެ. ކެމްޕޭންގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ޚަލީލްއެވެ.

މި އިންތިޚާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ޓިކެޓުގައި 600 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ނެގުމަށް ފަހު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެސް މި ކޯލިޝަނުންނެވެ. މި އިންތިޚާބުގައި ވާދަވެރިކަމެއް އޮތީ ވެސް އެމްޑީޕީ އާއި ޕީޕީއެމްއާ ދެމެދުގައެވެ.

އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި 800 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، 2264 ކެންޑިޑޭޓުން މިހާރު މި އިންތިޚާބުގައި ވާދަކުރެއެވެ. އެކަމަކު ގިނަ ކެންޑިޑޭޓުންތަކެއް ދަނީ ނަން އަނބުރާ ނަގަމުންނެވެ.

ޕީޕީއެމް އުފެދި މަދު ދުވަސްތަކެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީއަށް ވުރެ އެ ޕާޓީއިން ވަނީ ޕާޓީ އުފެދުނުތާ ކުރީކޮޅު ކާމިޔާބު ނަތީޖާތަކެއް ވެސް އިންތިޚާބުތަކުގައި ނެރެފައެވެ. އެކަމަކު އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަރަށް ބޮޑު ނާކާމިޔާބީއެއް ޕީޕީއެމްއާއި އެ ޕާޓީއާ ގުޅިފައިވާ ޕީއެންސީއަށް ލިބިގެން ދިޔައެވެ.

ކައުންސިލް އިންތިޚާބަށް ޕީޕީއެމްއާއި ޕީއެންސީއިން ވެސް ތައްޔާރުވަމުންދާއިރު އިދިކޮޅު މި ދެ ޕާޓީގެ ކޯލިޝަނުން އިންތިޒާމު ކޮށްގެން މިހާރު ކޮންމެ ދުވަހަކު ހެން މާލޭގެމަގުތައް މަތީގައި ދަނީ މުޒާހަރާ ކުރަމުންނެވެ. ކޯލިޝަންގެ ކައުންސިލުން ވަނީ "ސީދާ ހަރަކާތަށް" ނުކުންނަން ކަމަށް ބުނެ ގަރާރެއް ވެސް ފާސްކޮށްފައެވެ. އެއީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮނަތަން

    ހާދަ ވަރުގަދަ ކެމްޕެއިންމެނޭޖަރެއްތީ؟

  2. ކެލާ އާރިފް

    ރަގަޅައްވިއްޔާ ތިމަޤާމްތަކާވެސް ހަވާލުވާނީ ބޮޑުމުސާރަޔާއެކީ، މިހެންމިބުނީ ތިދެމީހުންގެ މާޒީއަށް ބެލުމައްފަހު، ދެމީހުންނަކީވެސް ޤާސިމް އަތުން އެތައްފައިސާއެއް ނެގުމައްފަހު މަޖިލިސްގެ ގޮޑިލިބުމުން ޤާސިމްއަށް ދޯކާދީ ޕީޕީއެމްއަށް ބަދަލުވިދެމީހުން، ހަލީލަކީ ނިމިދިޔަ ފަސްއަހަރު ސަރުކާރުތެރެއިން އެތައް ކޮރަޕްޝަނެއްގެ ތުހުމަތުކުރެވޭ، އާއިލާ މީހުންނަށް ފުލެޓްތައް ހޯދުމަގަ ތުހުމަތުކުރެވޭމީހެއް

    1
    1