އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ޕްރޮފައިލް "ވަގުތު" އިން ހިލޭ ޖަހައި ދިނުމަށް ނިންމައިފިއެވެ.
އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 2،264 ކެންޑިޑޭޓުން ވާދަކުރެއެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 2،433 މީހުން ކުރިމަތިލިޔަސް، މިހާތަނަށް އައިއިރު، 169 ކެންޑިޑޭޓެއްގެ ނަން ވަނީ އަނބުރާ ގެންގޮސްފައެވެ. ދިވެހިންގެ ތެރޭގައި މިހާރު ވާދަވެރިކަން ބޮޑުވެފައިވާ އެއް އިންތިހާބަކީ ވެސް ލޯކަލް ކައުންސިލް އިންތިހާބެވެ.
"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ޕްރޮފައިލް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާ އެކީގައި ގެނެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"ވަކި ސިޔާސީ ޕާޓީއަކަށް ނުބަލައި، މިނިވަން ކެންޑިޑޭޓުން ހިމެނޭ ގޮތަށް ހުރިހާ ކެންޑިޑޭޓުންނަށް މި ފުރުސަތު އެބައޮތް،" އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް ޕްރޮފައިލްގެ އިތުރުން ކެމްޕެއިން ހަރަކާތްތަކާއި ހަބަރުތައް ގެންނަ ނަމަ، އަގެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި "ވަގުތު" ގެ މީސް މީޑިއާ އެކައުންޓުތަކަށް ކެމްޕެއިން ޕޯސްޓަރު ލާ ނަމަ، ޗާޖު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރަން ބޭނުން ނަމަ، 7461129 ނަންބަރަށް ގުޅުމަށް "ވަގުތު"ން އިން އެދެއެވެ.
"ވަގުތު" އަކީ އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ރާއްޖޭގެ އެންމެ މަގުބޫލު އޮންލައިން ނޫހެވެ. "ވަގުތު" އަށް ދުވާލަކު ދޮޅު ލައްކައަށް ވުރެ ގިނަ މީހުން އެވްރެޖްކޮށް ޒިޔާރަތް ކުރެއެވެ.
ތިޔަގޮތަށް ޕުރޮފައިލް ޖަހާދޭއިރު ތައުލީމީ ގާބިލް މީހުންނަށް ޖާގަދޭށާ، އެކްޓިވިސްޓުން ބާކީ ކުރަން އާޓިކަލް ތަކެއް ކޮންމެދުވަހަކު ލިޔެބަލަ. މިހާރު މާލޭ ސިޓީ ކައުންސިލް އޮތް ހާލުވެސް ލިޔެ ބަލަ.