ހިޔާ މަޝްރޫއުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެޅުމަށް ހަމަޖެހިފައިވާ 204 ފުލެޓު، ވިޔަފާރި އުސޫލުން ވިއްކާލަފައިވާ ކަމަށް ބުނެ ގެނެސްދިން ޚަބަރުގައި މައުލޫމާތު ގެނެސްދިނީ މާނައޮޅޭ ގޮތައް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެ ފްލެޓްތަކާއި ގުޅޭގޮތުން ރިޕޯޓްކޮށްފައި ވަނީ ވޮއިސް ނޫހުންނެވެ.

އެ ނޫހުން ބުނީ، ހިޔާގެ އެއްކޮޓަރިއަށް ކުރީ ސަރުކާރުން ޚާއްޞަކޮށްފައިވާ 204 ފުލެޓު މި ސަރުކާރުން ގެނައި ޕޮލިސީ ބަދަލަކާއެކު ވަނީ ވިއްކާލާފައިކަމަށެވެ.

"ކުރިން މިއީ ހިޔާގެ އަލަތު ކައިވެނި، ދަފުތަރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މާލެ ރަށްވެހިންނަށް ޚާއްޞަ ކުރެވިފައިވާ ފުލެޓްތައް. ނަމަވެސް ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެ އުފައްދަވާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ވަނީ ސަރުކާރު ކުންފުނިތަކުން އަޅާ ހިޔާ ފުލެޓުތައް ބަދަލުކޮށްފައި. އަދި ހިޔާގެ ހުރިހާ އެއްކޮޓަރީގެ ފުލެޓް ކުރިން ސަރުކާރުން ނަގަން އޮތް އޮތުން ބަދަލުކޮށް ސަރުކާރުން ނަގައި އެ ފުލެޓުތައް ވިއްކުމަށް ވަނީ ނިންމާފައި." އެމްޕީއެލްގެ އޮފިޝަލް "ވޮއިސް"އަށް ވިދާޅުވިއެވެ.

އެ ނޫހުން ގެނެސްދިން ޚަބަރާއި ގުޅިގެން އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ހިޔާ މަޝްރޫއުގެ ދަށުން މި ކުންފުނިން ޢިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.

ނަމަވެސް ފްލެޓްތައް ނުވިއްކާކަމަކަށް އެމްޕީއެލްގެ ބަޔާނުގައި ބުނެފައެއް ނެތެވެ.

މީޑިއާ އަށް މައުލޫމާތު ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް، ކަން ހިނގާފައިވާގޮތާ ހިލާފު މިފަދަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ކަމުގެ ހަގީގަތް ނުހޯދާ މިފަދަ ހަބަރެއް ލިޔެފައިވާތީ އެކަން މި ކުންފުނިން ކުށްވެރި ކުރަމެވެ. އަދި މިފަދަ ޚަބަރުތައް ޒިންމާދާރުކަމާއެކު އާއްމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް މި ކުންފުނިން އިލްތިމާސްކުރަމެވެ". އެމްޕީއެލްގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިފަދަ ހަގީގަތާ ހިލާފު މައުލޫމާތު ތަކެއް ކުންފުންޏާ ގުޅުވައިގެން ފެތުރި މައްސަލައިގައި ވޮއިސް ނޫހުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ކުންފުނީގެ ފަރާތުން މީޑިއާ ކައުންސިލް އަށް މައްސަލަ ހުށައަޅާނެ ކަމަށެވެ.

އިތުުރަށް އެ ބަޔާނުގައި ބުނެފައި ވަނީ، އެ ކުންފުނިން އިމާރާތް ކުރަމުންދާ ފުލެޓް ތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ޢިމާރާތް ކުރަމުންދާ ފުލެޓްތަކެއް ކަމަށެެވެ.

އަދި މި ފުލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނާ

    އަޑެއްކީޔާ ރެދެއްލާނެޔޭ ބުނެއުޅޭ

  2. ޒައިކް

    ބަލަ އެހެން ބައެއްގެ ހައްޤެއް ކަލޭމެންގެ މުވައްޒަފުންނަށް ވިއްކިޔަސް އެއީ ހަމަ ނުހައްކުން ވިއްކީކަމަށްވާނި ބޭރު ބަޔަކަށް ވިއްކި ވާހަކައެއް ނުދައްކައޭ މިތާކު.. ދަޢުލަތުން ހިލޭ ބިން ދީފަ ފުލެޓު އަޅަން އެއްބަސްކުރުވީ ފުރަތަމަ 4 ފުލޯރ ހިޔާއަށް ދޭ މަތިން.. އެކަމު ފަހި ދިރިއުޅުމޭ ކިޔޭ ޓެރެރިސްޓުންނާ ގުޅިގެން ޖަރީމާ ހިންގީ ދެއްތޯ؟؟ ދަޢުވާ ކުރެވޭނެ ބަދަލު ނެގޭނެ ހައްޤު އަދަބު އަރާ ހަމަކުރާނެ