އިއްޔެ ހަވީރު މާލެ މަގުމަތީގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ޗެނަލް 13 ގެ ނޫސްވެރިންނަށް އަނިޔާވާނެ ގޮތަށް އެ ނޫސްވެރިންގެ މަސައްކަތަށް ބައެއް ފުލުހުން ހުރަސް އަޅައި ހިންގާފައިވާ އަމަލުތައް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފިއެވެ.

އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އިއްޔެގެ މުޒާހަރާ ކަވަރު ކުރުމުގައި އުޅުނު ޗެނަލް 13 ގެ ކެމެރާމަން މުހައްމަދު ޝަހީމްއަށް މުޒާހަރާ ކަވަރު ކުރުމަށް ފުލުހުން ހުރަސް އަޅާފައިވާ ކަމާއި އޭނާ މަގުމައްޗަށް ވައްޓާލާފައިވާ ކަމުގެ މައުލޫމާތު އެ ޓީވީ ސްޓޭޝަން އިން އެމްޖޭއޭއަށް ދީފައިވާ ކަމަށެވެ. މި ކަމުގެ ސަބަބުން ޝަހީމަށް ހޮސްޕިޓަލުގައި ދަނީ ވެސް ފަރުވާ ދެމުންނެވެ.

މީގެ އިތުރުން އިއްޔެ މުޒާހަރާ ހިނގަމުން ދަނިކޮށް ފުލުހުންގެ ބަޔަކު "ލެސޫކް ރެސްޓޯރަންޓް" ގެ ތެރެއަށް ވަދެ އެ ތަނުގެ ތެރޭގައި ތިބި ޗެނަލް 13 ގެ ޗީޕް އޮޕަރޭޓިން އޮފިސަރު މުހައްމަދު ސަމާހްއާއި ޑެޕިއުޓީ ސްޓޭޝަން އިންޗާޖް ހުސައިން އިހުސާން ގަދަކަމުން އެ ތަނުން ނެރެ އަނިޔާވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި މީހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔައީ ވެސް އެއީ ނޫސްވެރިން ކަން އެނގޭނެ ގޮތަށް މީޑިއާގެ ފާސް ވެސް އަޅައިގެން ކަން އެނގެން އޮތް ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ ކަން ހިނގައިދިޔަ ގޮތުގެ މަންޒަރުތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް އެމްޖޭއޭ ޖަމިއްޔާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

"މި ފަހަކަށް އައިސް މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާ އެ ފަރާތްތަކަށް އަނިޔާވާ ގޮތަށް އަމަލު ކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް މި ޖަމިއްޔާއަށް ލިބެމުން އަންނާތީވެ، އެއީ މި ޖަމިއްޔާއިން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ. އަދި އެ ކަން ހުއްޓުވުމަށް އަވަސް ފިޔަވަޅު އެޅުމަށް މި ޖަމިއްޔާއިން ދިވެހި ފުލުހުންނަށް ގޮވާލަމެވެ." އެމްޖޭއޭގެ ނޫސް ބަޔާނުގައިވެއެވެ.

ފުލުހުން ފަހުން ވިދާޅުވެފައިވަނީ އެ ފަރާތްތައް އެ ތަނުން ނެރުނުއިރު އެއީ ނޫސްވެރިންކަން ނޭނގޭ ކަމަށެވެ. އެކަމަކު ނޫސްވެރިންގެ ކާޑު ވެސް އަޅައިގެން ތިބެ އެ ފަދަ ގޮތަކަށް އެ ފަރާތްތަކާ މެދު އަމަލު ކުރުމުން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ ފުލުހުންނަށާއި ސަރުކާރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހު

    އިބްރާހިމާ އިސްތިއުފާ

    17
    3
  2. ކޮވިޑް

    ކުއްވެރި ކުރީމަ ނިމުނީތޯ؟ ނޫސް ވެރިޔަކުގެ ފުރާދިޔަސް ހަމަ ކުއްވެރި ކޮށް ބަޔާނެއްބާ ނަގާނީ؟ކަމެއް ކުރެވުނުކަމަށް ވާނީ ފިޔަވަޅެއް ވެސް އެޅީމަ. މި ޤައުމުގެ ޖަމުއްޔާ ، ޖަމާޢަތް ތައް، މިނިވަން މުއައްސަސާތައް، އެންޖިއޯ ތައް ހީވާކަހަލަ މީ ނޫސްބަޔާން ނެރެން އޮންނަ ތަންތަން ހެން، ބޮޑުވަރު،

    17
  3. މަރީ

    ޗެނަލް 13 ހުއްޓުވަން ލަސްވެސްވެއްޖެ.

    3
    22
    • ދިވެހި

      ގައުމަށްޓަކއި އަޑެއް އުފުލާނެ ހިއްވަރެއްނެތް މީހަކު ނޫނީ ތިހެން މިއަދު ނުބުނާނެ