އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފި ކަމުގެ މައްސަލައަށް ވަކީލުން އައްޔަން ކުރުމަށް ފުރުސަތި ދީފިއެވެ.

މިއަދު 12:00 އަށް ތާވަލުކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ އެ މައްސަލައިގެ އެންމެ ފުރަތަމަ އިިބްތިދާއީ އަޑުއެހުމެވެ. މި އަޑުއެހުމުގައި ދައުލަތުން ވަނީ ދެ ފަނޑިޔާރުންނަށް ދައުވާ އިއްވާފައެވެ.

ދައުލަތުގެ ފަރާތުން މިއަދު ވިދާޅުވީ ދެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފިކަމުގެ ދައުވާ އަކީ އެކެއް ފެބްރުއަރީއަށް ފަހު ހަސަން ސައީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން 6 ފެބްރުއަރީ 2018 ވަނަ ދުވަހުގެ 3:45 ހާއިރު އޭނާގެ އެޕާޓްމެންޓު ފުލުުހުން ބަލާ ފާސްކުރި އިރު ކަޅު ފޮއްޓެއްގެ ތެރެއިން ފެނުނު ވިލާ ކުންފުނީގެ އެމްޑީ ސިޔާދު ގާސިމް ސޮއި ކުރައްވާފައި އޮތް ސިޓީއެއްގައި ދެ ފަނޑިޔާރުންނަށް 2.4 މިލިއަން ޑޮލަރާއި މެލޭޝިއާއިން ލަގްޒަރީ ފްލެޓުތަކެއް ރިޒާވް ކޮށް އޭގެ ބައެއް ވިލާ ކުންފިނިން ދައްކާފައިވާ ކަމަށް އޮވެފައި، އެކެއް ފެބްރުއަރީގެ ހުކުމުގައި ގާސިމް އިބްރާހިމް މިނިވަން ކުރަން އަމުރު ކޮށްފައި އޮތުމުން އެއީ ސިޓީގައި އޮތް ކަންކަމުން ރިޝްވަތު ނަގައިގެން ކުރި ހުކުމެއް ކަމަށް ތުހުމަތު ކުރެވޭތީ ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ހައިލަމް ވަނީ މައްސަލަ ކުރިއަށް ގެންދަވަން ބޭނުންފުޅު ވަނީ އަމިއްލަފުޅަށްތޯ ނުވަތަ ވަކީލެއްގެ އެހީތެރިކަމާއެކުތޯ ދެ ފަނޑިޔާާރުންނާއި ސުވާލު ކުރައްވާފައެވެ. ވަކީލަކާއި އެއްކޮށް ކުރިއަށް ގެންދަން ބޭނުންފުޅު ވާކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ވަނީ 10 ދުވަހުގެ މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ ސިއްހީ ހާލަތު ހުރި ގޮތުން އަމިއްލަފުޅަށް ކޯޓުގައި ވާޙަކަ ދެއްކުމަށް ނުކުޅެދުންތެރިވެފައިވާ ކަމަށާއި އެހެން ކަމުން ވަކީލަކާއި އެއްކޮށް ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމަށެވެ.

10 ޖޫން 2018 ވަނަ ދުވަހުގެ 12:00ގެ ކުރިން ވަކީލުން ހަމަޖައްސައި އެކަން ލިޔުމުން ކޯޓަށް އެންގުމަށް ގާޒީ މިއަދުގެ އަޑުއެހުމުގައި ވަނީ އަންގާފައެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ކުރާ މި ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު ހުކުމަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ހުކުމެކެވެ. ކުށަށް އިއުތިރާފުވެއްޖެ ނަމަ ކުށުގެ ދަރަޖަކުޑަވެ އަންނާނެ އެންމެ ބޮޑު ހުކުމަކީ 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ހުކުމެކެވެ. ރިޝްވަތު ހިފަން އުޅުނު ކަމަށް ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު ހުކުމަކީ 1 އަހަރާއި 7 މަހާއި 4 ދުވަހުގެ ހުކުމެކެވެ. އަދި ރިޝްވަތު ހިފަން އުޅުނު ކަމަށް އިއުތިރާފުވެއްޖެ ނަމަ އެއް އަހަރާއި 12 ދުވަހުގެ ހުކުމެކެވެ.

މިއަދުގެ މަޖިލީހުގައި ފާހަގަ ކުރެވިގެން ދިޔައީ ފަނޑިޔާރު އަލީ ހަމީދުގެ ސިއްހަތު ވަރަށް ގޯސްވެފައިވާ ކަމެވެ. އެބޭފުޅާއަށް ކޮޅަށް ތެދުވެވެނީވެސް ކަރެކްޝަންސްގެ އޮފިސަރެއްގެ އެހީތެރިކަމާއެކުއެވެ. އަދި ވާހަކަދެއްކުމުގައި ވެސް ދަތި ކަމެއް ހުރިކަން ފާހަގަ ކުރެވެއެވެ. މިއަދުގެ އަޑުއެހުމުގައި އިށީދެގެން އިނދެ ކުރިއަށް ގެންދިއުމަށް ގާޒި ވަނީ އަލީ ހަމީދަށް ފުރުސަތު ދެއްވާފައެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާވެސް ފަށާފައިވާއިރު އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެް އިތުރު އެހެން ދައުވާތަކެއްވެސް އެބޭފުޅުންގެ މައްޗަށް ވަނީ ކޮށްފައެވެ.