ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފިއެވެ.

ރިޔާޒު ޑޮކްޓަރަށް ދެއްކުމަށް މިއަދު މާލެ ގެނެސްފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެނގިފައިވާ ގޮތުގައި ރިޔާޒް ގެނެސްފައިވަނީ އައިޖީއެމްއެޗަށެވެ.

ރިޔާޒް ހައްޔަރުކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުއެވެ. ރިޔާޒަށް އިންފެކްޝަނެއް ޖެހިފައިވާ ކަމަށް ރިޔާޒުގެ ގާނޫނީ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރިޔާޒުގެ މައްޗަށް ނިރުބަވެރިކަމުގެ ޢަމަލެއް ކުރަން އުޅުނުކަމުގެ ދައުވާ އުފުލާފައިވަނީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމުވެސް ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެހުރެ، 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތްކޮށް، ދައުލަތުގެ ވަކިވަކި މުއައްސަސާތަކުގެ ހިންގުމަށް ބުރޫ އަރައި ޤައުމީ މަސްލަހަތަށް ގެއްލުންވާގޮތަށް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އަމުރެއް ނެރެ، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފްއާއި ގުޅިގެން އެވަގުތު ޑިއުޓީގައި ތިބި އިތުރު ފުލުހުންތަކެއް މެދުވެރިކޮށް ފުލުހުންނާ ކުރިމަތިލައި، ޤައުމުގެ ސުލްހަމަސްލަސްކަން ނަގާލައި، ޤާނޫނީ ސަރުކާރު ޤާނޫނީ އިމުގެ ބޭރުން ވައްޓާލަން މަސައްކަތް ކޮށްފައިވާކަމަށް ބުނެއެވެ.

ރިޔާޒުގެ މައްޗަށް ނިރުބަވެރި އަމަލެއް ކުރަން އުޅުމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ 33 ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހަޅާފައެވެ.