ކ. މާފުށިން ހަތަރު ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މާފުށީ ގެސްޓްހައުސްއެއްގައި ތިބި ހަތަރު ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަ ކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މާފުށި ކައުންސިލްގެ ރައީސް އުސްމާނު ރަޝީދު ވިދާޅުވީ، ފައްސިވެފައިވަނީ 3 ގެސްޓް ހައުސް އެއްގައި ތިބި ފަތުރުވެރިންތަކެއް ކަމަށެވެ. އެމީހުން ފައްސިވެފައިވަނީ ފުރަންވެގެން އިއްޔެ ނެގި ސުންކުން ކަމަށްވެސް އުސްމާނު ވިދާޅުވިއެވެ.

އެމީހުން ފައްސިވުމާއި ގުޅިގެން މިވަގުތު ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެކަށް ތިބީ އެމީހުން އެރަށަށް އައިސް ތިބި ގެސްޓް ހައުސްތަކުގައި ކަމަށާއި ކޮންޓެކްޓް ޓްރޭސިން ހަދައި ނިމުމުން ފެސިލިޓީއަށް ބަދަލު ކުރެވޭނެ ކަމަށް އުސްމާނު ވިދާޅުވިއެވެ.

ރާއްޖޭގައި ގެސްޓްހައުސް ހިންގާ ރަށްތަކަށް ފަތުރުވެރިން ގެންނަން ނިންމުމާއި އެކީ ބައެއް ރަށްތަކުން ކޮވިޑް-19ގެ ވޭދަނަތައް އަންނަނީ ފެންނަމުންނެވެ. އެގޮތުން މާފުށީގެ އިތުރުން ފުވައްމުލަށް ގުރައިދޫ އަދި އައްޑޫސިޓީ ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 18،612 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 145 މީހުންނަކީ މިއަދު ފައްސިވެފައިވާ މީހުންނެވެ. މިހާތަނަށް މި ބަލިން 16،061 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މި ބަލި ޖެހިގެން 60 މީހަކު މިހާތަނަށް ނިޔާވެފައިވާ ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އިތުރު ތަފްސީލް އަންނަނީ...