ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކޮށް ފުވައްމުލައް ސިޓީއިން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، ރީނދޫ ސަމާލު ނެރެފައިވާނީ މިރޭ 23:10 އިން ފެށިގެން ދަންވަރު 2:10 އަކާއި ހަމައަށް ކަމަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓުން މި ދެ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މިރޭ 20:30 އިން 00:30 އާއި ހަމައަށްވެސް އެ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް މި ދެ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.

ފުވައްމުލަކާއި އައްޑޫއަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މި ދެ އަތޮޅަށްވެސް މިރޭ 7:00 އިން ފެށިގެން އަންނަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެ، ގެތަކަށް ވަނީ ފެން ވަދެފައެވެ.