ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ދިން ފަހުން ގއ.ގައްދޫން ނިޔާވި ދެމީހުންނަކީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ މާމަ އާއި ކާފަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިނިސްޓަރ އަމީރު ވެސް ވަނީ އެމައުލޫމާތު ކަށަވަރު ކޮށްދެއްވާފައެވެ.

މިނިސްޓަރ އަމީރުގެ ކާފަ ބަލި އެނދުގައި އޮންނަވާތާ ދިހަ ވަރަކަށް އަހަރު ފަހުން އިއްޔެ ނިޔާވިއިރު އުމުރުފުޅަކީ 93 އަހަރެވެ. މިނިސްޓަރ އަމީރު މާމަ މިއަދު ނިޔާވިއިރު އުމުރުފުޅަކީ 81 އަހަރެވެ. މިނިސްޓަރ އަމީރުގެ މާމަ ވެސް ބަލިއެނދުގައި އޮންނަވާތާ އަހަރުތަކެއް ވެއްޖެއެވެ. ދެކަނބަލުންނަށް ވެސް ކޮވިޝީލްޑް ވެކްސިން ދީފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ވެކްސިން ދިން ފަހުން ދެކަނބަލުންގެ ކިބައިން ވެސް ގަދައަށް ހުން އައުން ފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލްގައި ފަރުވާ ދީފައި ވެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ދެމަފިރިން މަރުވި ސަބަބު ދެނަގަތުމަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ދެ ކޭސްއަށް އިތުރު އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާ ކަމަށް މި ފުރުސަތުގައި ފާހަގަކޮށްލަން،" ނާސިރު ވިދާޅުވި އެވެ.

މިނިސްޓަރ އަމީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޅަމެން މިލްކުވެ ވޮޑިގެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރިދިއުން އޮތީ އެއިލާހުގެ ޙަޟުރަތަށެވެ. މާމަ އާއި ކާފައަށް ޖަންނަތުލްފިރުދައުސް ލިބުން އެދި ދުއާ ކުރައްވާ ކަމަށާއި ހެޔޮ ދުއާ އާއި ތައުޒިއާ ފޮނުއްވަމުން ގެންދަވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން ދިން ފަހުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އުމުރުން ދުވަސްވީ މީހުން މަރުވެފައި ވެއެވެ. ނަމަވެސް ވެކްސިން ދިނުމުގެ ސަބަބުން މީހަކު މަރުވެފައިވާކަމަށް އަދި އެއްވެސް ގައުމަކުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ކޮވިޑް-19 ވެކްސިން ދިނުމުން އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު އޮތުމުން ބައެއް ގައުމުތަކުގައި އުމުރުން ދުވަސްވީ މީހުންނަށް ވެކްސިނެއް ނުދެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ނުދޭ ގައުމުތަކުގެ ތެރޭގައި ޖަރުމަންވިލާތާއި އިންޑޮނޭޝިއާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޯޒް

    ޢަމީރު ގެ ވީމަ ދެކަނބަލުންނަށް ވެސް ވީތޯ؟؟؟ ޙާދަ ތަ ފާތު ކުރުން ބޮޑޭ ދޯ؟

    6
    2
    • ބަސްއަހާ

      އެއީ ތަފާތު ކުރުމެއް ނޫން. އެއަށް ކިޔާ އުޅެނީ ދިވެހި ބަހުގެ ދަރަޖަތައް.