މާލެ ސިޓީގެ ކަންކަން ސިޓީ ކައުންސިލަށް ނުބެލެހެއްޓޭ ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ އެ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެެ.

އޮންލައިންކޮށް ރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލާ މަތި ކުރެވިފައިވާ ޒިންމާތައް އެ އިދާރާ އިން ބަލަހައްޓަމުން ނުދާ ކަމަށެވެ.

އެގޮތުން މާލޭގައި އުޅޭ ބިދޭސީން ނުގަވާއިދުން ވިޔަފާރީތައް ކުރަމުން ގެންދާއިރު އެކަންކަން ހުއްޓުވުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއްކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެކަންކަން ބެލެހެއްޓުމަށް ސުޕަވައިޒަރުން އައްޔަން ކުރެވެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މާލޭގައި ބިނާކުރެވިފައިވާ ޕާކްތަކާއި މައިޒާންތައް ވީރާނާވަމުންދާ އިރު އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަކީ ވެސް ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ސިޓީ ކައުންސިލުން އެކަންކަމަށް މާ ބޮޑު ފަރުވާލެއް ނުބެހެއްޓުމުގެ ސަބަބުން މިއަދު އެފަދަ މައިޒާންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މަސައްކަތް ލަސްވަމުންދާ ސަބަބު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

މުއިއްޒު ވަނީ ސިނަމާލެ ފްލެޓްތަގައި އުޅޭ އެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ފްލެޓްތައް މަރާމާތުކޮށްދޭން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ކަން ކުރުމުގައި ވެސް ސިޓީ ކައުންސިލުން އިހުމާލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ހިންގުން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އަދި އެ އިދާރާއިން ދޭ ހިދުމަތްތައް އަވަސް ކުުރުމަަށްވެސް ގޮވާލެއްވިއެވެ.

މިފަދަ އެތައް މައްސަލައެއް މާލެ ސިޓީގައި ހުރިކަން ފާހަގަ ކުރައްވާ މުއިއްޒު ވަނީ އެ ހުރިހާ ކަމަކަށް ހައްލު ގެނައުމަށް ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވާނެ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒުގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ކުރިމަތިލައްވާނީ އަލްހާން ފަހުމީ އާއި އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮލި

    ކަލޭ ފަސްއަހަރު ހުރެގެން ވީކަމެއް ބުނެދީބަލަ ؟

    1
    1
  2. ސައްލި

    ތިޔަ މާލެ ބެލެހެއްޓުނީ ކޮންއިރަކުތޯ ތިބޭފުޅާ ހުރިއިރަކުވެސް ނުބެލެހެއްޓޭ ނުންތޯ ؟