ފުލުހުން ނޫސްވެރިއަކަށް އަނިޔާކުރި މައްސަލަ ނެޝެނަލް އިންޓިގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސާ މަރިޔަމް ވަހީދާ (މަރީ) ވިދާޅުވެއްޖެއެވެ.

މަރީ މިހެން ވިދާޅުވީ ޗެނަލް-13ގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރި މައްސަލައާއި ގުޅިގެން ރާއްޖޭގެ ގިނަ މީޑިޔާތައް ޝާމިލްވާގޮތަށް ކުރެވުނު ހިމޭން އިހްތިޖާޖްގެ ތެރެއިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަކަށް ރާއްޖޭގެ ހުރިހާ މީޑިޔާއެއް ހެން ބައިވެރިވެފައިވާ މި އިހްތިޖާޖްގައި ނޫސްވެރިންގެ ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. މިކަންބޮޑުވުންތަކާއި ގުޅިގެން މަރީ ވަހީދާ ވިދާޅުވީ ފުލުހުން ނޫސްވެރިއަކަށް އަނިޔާކުރި މައްސަލައަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ފުލުހުންނާއިި ބައްދަލުކުރައްވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.

މަރީ ވަނީ ފުލުހުންގެ އިދާރާގެ ސީނިޔާ ބޭފުޅުންނާއި އަނިޔާ ލިބުނު ނޫސްވެރިންނާއި އެއްމޭޒަކުން ބައްދަލުކޮށް، މިފަދަ ނޭއްގާނީ ކަންކަން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިންނަށް ލިބިފައިވާ ހައްގުތައް ކަށަވަރުކުރުމަށް ބްރޯޑްްކޮމް އިން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މަރިޔަމް ވަހީދާ ވަނީ ފުލުހުންނަށް ކުށެއް ކުރެވިދައިވާނަމަ ފުލުހުންވެސް ނޫސްވެރިންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ނޫސްވެރިންގެ ކިބައިގައި ހުންނަން ޖެހޭ "އެތިކްސް" ތައް ހިފެހެއްޓުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން މާޒީގައި ނޫސްވެރިންނަށާއި މީޑިޔާތަކަށް އަމާޒުކޮށްގެން ދީފައިވާ ބޮޑެތި އަނިޔާތަކުގެ ތަހުގީގު އަވަސް ކުރުމަށް ބާރު އަޅާނެ ކަންވެސް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ މި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.