މިއަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ތާރީހު ބުރާސްފަތި ދުވަހު އިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބު ބާއްވާނެ ދުވަހަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ތާރީހެއް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ބުރާސްފަތި ދުވަހު އިންތިޚާބާ ބެހޭ ސްޓޭކްހޯލްޑަރުންނާއި މީޑިއާ ބައިވެރިކޮށްގެން ބާއްވާ ބައްދަލުވުމެއްގައި އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރޭ ޓީވީއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ކުރިން ވެސް ރޭވިފައި އޮތް ގޮތަށް އަންނަ މަހު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބު އޮންނާނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން ދަނީ މި މަހު ވޯޓާސް ލިސްޓް ހާމަކޮށް، ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެ އެވެ.

ރިޔާސީ ދައުރު ގުނަން ފަށަނީ ރިޔާސީ އިންތިހާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ. މިހާރު ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަސްލުހާލަތު

    ހައްހައްހާ ތިވެސް އިބިލީހުގެ ކައިވެންޏަށް ވެ ނިމުނީ.. އަދި ތާރީހު ބުންނަސް އެ ތާރީހަށް އިންތިހާބު ނުބާއްވާނެ..

  2. އާދޭ

    ވަރައްހަލަތު ދައް އަދިވެސްބަދަލު ކުރާނެ ގެރެންޓީ ކަދުރުފާތުމަޔާ އޭނާގެ ސޮރު ގެއްލޭނެކަން ނުހޮވޭނެ ކތަންމެބަދަލެއްގެނަޔަސް