ކައުންސިލްގެ ހުއްދަނެތި ގަވާއިދާ ހިލާފަށް މާފުށީގައި ބޭނުން ކުރާ ބިންތައް ހުސް ކުރަން ހަތް ދުވަހުގެ މުއްދަތެއް ދީފިއެވެ.

އެރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ކައުންސިލްގެ ހުއްދަނެތި ގަވާއިދާ ހަލާފަށް އެރަށުގައި ބިންތަކުގައި އެކިއެކި ބޭނުންތަކަށް އިމާރާތްކޮށް، ތަކެތި ބަހައްޓާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި ތަކެއްޗާއި ކޮށްފައިވާ އިމާރާތް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އަންގާ ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި އެ އިއުލާނުގައި ވަނީ ކައުންސިލްގެ ހުއްދަނެތި އެއްވެސް ބޭނުމެއް ކުރަމުންދާނަމަ އެކަމެއް ހުއްޓާލުމަށާއި، ބިންތަކުގައި އެއްވެސް ފަރާތަކުން މަސައްކަތެއް ކުރަމުންދާނަމަ އެކަމެއް ވަގުތުން ހުއްޓާލުމަށް އަންގާފައެވެ.

ފަތުރުވެރިކަމަށް ބޮޑަށް ބަރޯސާ ވެފައިވާ މާފުއްޓަކީ،އެ މަސައްކަތަށް ބޮޑު ބިން ދޫކޮށްފައިވާ ރަށެކެވެ.

އެރަށު ކައުންސިލްގެ އިއުލާނުގައި އިތުރަށް ވަނީ، މި މުއްދަތު ހަމަވުމުން ނުގެންގޮސް ހުރި ތަކެތި މިއިދާރާގެ ފަރާތުން ކަމާއި ގުޅޭ އިދާރާތަކަށް އަންގައި، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެތަކެތި އެބިންތަކުން ނަގައި، އެބިންތަކުގައި ހުރި އިމާރާތްތައް ތަޅާލައި ބިން ހުސްކުރާނެކަަމަށެވެ.

"މިގޮތުން ބިމުގައި ހުރި ތަކެތި ހުސްކުރުމުގެ ތެރޭގައި އެތަނުން ނުގެންގޮސް ހުރި އެއްޗެއްސަށް ލިބޭ އެއްވެސް ގެއްލުމަކަށް މިކައުންސިލްގެ ފަރާތުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ". އެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ތިކަން ވާނެބާ؟

  2. ރަދީފް

    ތަމެން ތިޔައުޅެނީ ހުދުމުހްތާރުކަން ދައްކަންތަ؟ ތިކަމެއްނުވާނެ ތަމެންނަށް.

  3. ޒާ

    ހަމަ ކުއްލިޔަކަށްތޯ ކައުންސިލަށް ފެނުނީ އެބިންތައް ގަވާއިދާ ޚިލާފަށް ބޭނުން ކުރާތަން. މިހުރިހާ ދުވަހު ކައުންސިލުން ތިބީ ނުފެންނަކަމަށް ކަހަދައިގެން ކޮންބޭނުމަކުތޯ؟ ރައްޔިުންގެ ބިންތަކެއްގެ ބޭނުން ވަކިބަޔަކު ކޮށް ނާޖާއިޒް ފައިދާ ނަގާއިރު ކީއްވެ އަޅާނުލާ މިހުރިހާދުވަހުތިބީ؟