އައްޑޫސިޓީއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫއިން ފައްސިވެފައިވަނީ ގަމުގައި ބޭއްވި އޭވިއޭޝަން ޓްރެއިނިންގ އަށް ދިޔަ މީހުންނާއި ގުޅުން ހުރި ދެ މީހެކެވެ. މިއާއި އެކީ އައްޑޫއިން ފައްސިވި މީހުންގެ އަދަދު ވަނީ 69 އަށް އަރާފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވަނީ ފޭދޫ ދެމީހެކެވެ.

މިއަދު އިތުރު މީހަކު ފައްސިވުމާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 41 އަށް އަރާފައެވެ. އެއީ ހިތަދޫއިން ފައްސިވި 21 މީހުން، މަރަދޫ ފޭދޫއިން 4 މީހުން އަދި ފޭދޫއިން 16 މީހެކެވެ.

އައްޑޫ އިމްޖެންސީ އޮޕަރޭޝަނުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އޭވިއޭޝަން އިހާގައި ގާތުން ބައްދަލުވި ކަމަށް 364 މީހަކު ފާހަގަ ކުރެވިފައިވެއެވެ. އަދި މި ވޭދަނަތަކާއި ގުޅިގެން އައްޑޫގެ 194 ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.

އައްޑޫގައި މިވަގުތު ދެ އިހަލެއް އޮތް އިރު، ހުޅުމީދޫގައި ވެސް ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓެއްގައި ކޮވިޑް ފެތުރި، ބަލި ޖެހުނު ބިދޭސީންގެ އަދަދު މިހާރު ވަނީ 26 އަށް އަރައިފައެވެ. އަދި އެރަށުން ވަކި ތަރުތީބެއް ނެތި ދެ މީހެއްގެ ސުންކުވެސް ވަނީ ފައްސިވެފައެވެ. މިއާއި އެކީ އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ.

އައްޑޫސިޓީގައި ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 4:00 އާއި ހަމައަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.