ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު ޖަހަމުންދާ ކޮވިޝީލްޑް ވެކްސިން، 5،000 އަށްވުރެ ގިނަ މީހުންނަށް މިއަދު ދީފިއެވެ.

މިއަދު 5،000 އަށްވުރެ ގިނަ މީހުން ވެކްސިން ދީފައިވާއިރު، އިއްޔެ ވެކްސިން ދީފައި ވަނީ، 5،283 މީހަކަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަދު ރާއްޖެއިިން ވެކްސިން ޖަހާފައިވަނީ 5،004 މީހަކަށެވެ. މީގެ ތެެރެއިން މާލެ ސަރަހައްދުން 3،310 މީހެއްގެ ގަޔަށް ވެކްސިން ޖަހަފައިވާއިރު، އަތޮޅުތެރޭގެ ރަށްތަކުން 1،694 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 74،966 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 57،039 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 17،927 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުން އަންނަނީ އިންޑިއާގެ ކުންފުންޏަކާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޑޝީލްޑް ވެކްސިނެވެ. މިވެކްސިން ރާއްޖޭގައި ބޭނުން ކުރަން ފަށާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.

ރައްޖޭގައި ބޭނުން ކުރަމުން އަންނަ ކޮވިޝީލްޑްގެ 200،000 ޑޯޒު މިވަގުތު ރާއްޖެއަށް އިންޑިއާއިން ވަނީ ހަދިޔާ ކޮށްފައެވެ.