މާލެ ސަރަހައްދުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ބައްޔެއް ނުވަތަ ނުކުޅުދުންތެރިކަމެއްގެ ސަބަބުން އެނދުމަތިކުރެވިފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ ފުރުސަތު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ފަރާތްތަކަށް ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި ވިލިމާލޭ ޔޫތް ސެންޓަރުން ހެނދުނު 9:00 އިން 16:30 އަށް ވެކްސިން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެން ކަމުން ވެކްސިން ޖެހުމަށް ވެބްސައިޓު ގައި ރަޖިސްޓްރީ ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެގޮތަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ވެކްސިން ސެންޓަރުގައި ރަޖިސްޓްރީ ކުރުމުގެ އެހީތެރިކަން ދެވޭނެ ކަމަށާއި ރަޖިސްޓަރީ ވުމުގައި އެހީތެރިކަން ބޭނުންވާނަމަ 1676 އަށް ގުޅުއްވައިވެސް އެހީތެރިކަން ހޯއްދެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖެއިން 75،013 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރެއިން 56،979 މީހަކަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 18،034 މީހަކަށް ދީފައިވަނީ އަތޮޅު ތެރޭގެ ރަށްތަކުންނެވެ.

ރާއްޖޭގައި މިވަގުތު ބޭނުން ކުރަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަލިންކުޅުހިކިއްޖެ

    ނޫސްވެރިންނޭ! ވެކްސިނޭ ކިޔައިގެން ހުރި ހުރިހާ ޚަބަރެއްގެ އެއްތަންކޮށްލަ ބަލަ! އެއްދުވަހު އޮންނާނީ 55 އަހަރުން މަތީގެ މީހުންނަށް އަނެއް ދުވަހު 40 އަހަރުން މަތި އަނެއް ދުވަހު 19 އަހަރާ 65 އަހަރު އަނެއް ދުވަހު 35 އަހަރާ 65 އަހަރާ ދެމެދު އަނެއް ދުވަހު 65 އަހަރުން މަތި އަނެއް ދުވަހު ހައިރިސްކް މީހުން އަނެއް ދުވަހު ބަލިމީހުން ބަލާ މީހުން އަނެއް ދުވަހު ކުޑަކުދިން ގެންގުޅޭ މީހުން އަނެއް ދުވަހު ބިދޭސީން އަނެއް ދުވަހު ވޯކްޕާމިޓް ނެތް ބިދޭސީން އަނެއް ދުވަހު ރާއްޖޭގައި އުޅޭ ބިދޭސީން އަނެއް ދުވަހު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މީ ކިހިނެތް އޮންނަ ގިންތިތަކެއްތަ! މިހެން ކިޔައިގެން ކޮންމެ ދުވަހަކު ނޫސްތަކުގައި ޚަބަރުޖަހާ! ގިންތި ހަދާފައި މިއޮތީ ކޮންގޮތަކަށް ބަލައިގެންބާ! ދަންނަ ސޮރަކު ހުރިއްޔާ ކިޔައިދީބަލަ މިވާގޮތެއް.