ޤައުމުގެ ސިޔާދަތީ ބާރަށް ކުޑަވެސް އުނިކަމެއް ލިބިދާނެފަދަ ޚާރިޖީ އަދި އަސްކަރީ ހުށަހެޅުންތަކާއި ދައުވަތުތަކަށް ޕީޕީއެމް އިން ވެރިކަން ކުރިއިރުވެސް އަދި މިހާރުވެސް އިޖާބަ ނުދޭކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމް އިން މިހެން ބުނީ އުތުރު ތިލަފަޅު ތަރައްޤީ ކުރުމުގެ މަޝްރޫއު އާއިއެކު ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއިއެކު އިއްޔެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާ އާއިއެކު ގާއިމު ކުރަން ނިންމާފައި އޮތް އެއްބަސްވުމެއް ކަމަށް ސަރުކާރުގެ އޮފިޝަލުން މިހާރު ވިދާޅުވާތީ އެކަމަށް ރައްދު ދިނުމަށް ނެރުނު ބަޔާނެއްގައެވެ.

ޕީޕީއެމް އިން ބުނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތާއި ނޫރު ދިވެހިރާއްޖޭގައި ފެތުރުމަށް މުހިންމު ވަޞިއްޔަތަށްފަހު، ޕީޕީއެމް އިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ދިފާއުކޮށް، ރައްކާތެރިކުރަމުން އަންނަ އަސާސަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރު ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމުގައި ބިނާކުރަނިވި ޚާރިޖީ ސިޔާސަތެއް ގެންގުޅުމާއި ފައިދާކުރަނިވި އަސްކަރީ ލަނޑުދަނޑިތަކެއް ޙާސިލުކުރުމަށް ކުރެވުނު މަސައްކަތްތަކުގައިވެސް، މައިގަނޑު އަސާސްތަކާ ޚިލާފު އެއްވެސް ހުށަހެޅުމަކަށް ނުވަތަ ދައުވަތަކަށް އިޖާބަދީފައި ނުވާނެކަން ފާހަގަކުރަނީ ނުހަނު ފަޚުރުވެރިކަމާއެކު ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"އުތުރު ތިލަފަޅުވިޔަސް، ނުވަތަ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ހިމެނޭ އެއްވެސް ކަނޑެއް، ފަޅެއް، ރަށެއް، ހަލެއް އަދި ގިރިއެއްވެސް ބޭރުގެ އަސްކަރީ އަދި އިސްތިއުމާރީ ބާރަކަށް ދޫވެ، ބީވެގެންދާނެ އަމަލެއް ޕީޕީއެމް އަކުން ނުހިންގާނެއެވެ. އަދި، އެފަދަ އަމަލެއް އެހެން ބަޔަކު ހިންގަން މަސައްކަތްކުރާނަމަ، އެކަމަކަށް މިޕާޓީން ހުރަސްއަޅާނެވެސްމެއެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ތަންނުދޭ އަދި ޤާނޫނުތަކުން ހުއްދަނުކުރާ ކަންކަމާއި، ޤައުމުގެ އެންމެ މަތިވެރި ބަހާތަކަށް އުނިކަން އަތުވެދާނެފަދަ ކަންކަމަށް، ސާބިތުކަމާއެކު ކުޑަވެސް ޖެހިލުމެއްނެތި، ނޫނެކޭ ވިދާޅުވި ރައީސުލްޖުމްހޫރިއްޔާއަކީ މިޕާޓީގެ ޝަރަފުވެރި ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެއީ އެމަނިކުފާނަށް މިއަދުވެސް ދިވެހި ލޮބުވެތި ރައްޔިތުން ބޮޑުތަނުން ތާއީދުކުރާ އަދި އިތުބާރު ކުރާ މުހިންމު އެއް ސަބަބެވެ." ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.

ޕީޕީއެމް އިން ބުނީ ދިވެހިންގެ މި ލޮބުވެތި އަދި ކަރާމާތްތެރި ފަސްގަނޑުގައި ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ސިފައެއްގައި ތިބުމަކީ ޕީޕީއެމް އިން ދުވަހަކުވެސް ތާއީދުކުރި އަދި، ތާއީދު ކުރާނެ ކަމެއްވެސް ނޫނެވެ. އެފަދަ ހުށަހެޅުމުގެ ބަދަލުގައި ނުވަތަ މުޤާބިލުގައި ކޮންމެ އެއްޗެއް ނުވަތަ ކަމެއް ހުށަހެޅުނުކަމުގައިވިއަސް، ޕީޕީއެމް އިން ވެރިކަން ކުރަމުންދިޔައީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ވަފާތެރިކަން އަދާކުރުންމަތީއި ކަމަށް އެޕާޓީން ބުންޏެވެ.

"ޕީޕީއެމްގެ ސަރުކާރުގަ އައި އެފަދަ ހުރިހާ ހުށަހެޅުމެއް އޮންނާނީ ގާދޫކޮލުން ބޭރަށް އެއްލާލާފައެވެ. މިޕާޓީގެ ވެރިކަން ބަދަލުކުރަން ބޭރުގެ އެތައް ބަޔަކު ފޫގަޅައިގެން ހޭދަކުރަމުންދިޔައީ އެބައެއްގެ އެފަދަ އުންމީދުތައް މިޕާޓީގެ ވެރިކަމެއްގައި ދުވަހަކުވެސް ހަޤީޤަތަކަށް ނުވާނެކަން އެނގޭތީއެވެ. ރައީސް ޔާމީންގެ ޒަޢާމަތެއްގައި އެފަދަ ނުފޫޒެއް ޤައުމަށް އަދި ރައްޔިތުންނަށް އަޔަ ނުދެއްވާނެކަން ޔަޤީންވާތީއެވެ. ޤައުމަށް ތަކުރާރުކޮށް ޣައްދާރުވެފައިވާ ޚާއިނުންތަކެއްގެ ތެރެއިން އުފެދިގެން އައި ސިޔާސީ ޕާޓީއެއް މިއަދު ވެރިކަމުގައި އޮވެގެން، ޤައުމުގެ ދީނީ ޝިއާރު ފަނޑުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ރައްޔިތުންގެ ޙައްޤެއްކަމުގައިވާ މިފަސްގަނޑުގެ މިލްކުވެރިންކަން ގެއްލުވާލަމުންދާ ދިއުމާ ދެކޮޅަށް އަޑުއުފުލާ އިޙްތިޖާޖް ކުރާނެ ބަޔަކަށް އަބަދުވެސް ތިބޭނީ މިޕާޓީގެ މެންބަރުންނެވެ." ޕީޕީއެމް އިން ބުންޏެވެ.

ޕީޕީއެމް އިން ބުނީ މިސަރުކާރުން ހިންގާ މިފަދަ ކޮންމެ އަމަލެއް، މިސަރުކާރު ވެރިކަމުން ދުރުކުރުމަށްފަހު ވަގުތުން ބަދަލުކުރެވޭނެއެވެ. ކުރާނަމެވެ. އޭގެ ސިޔާސީ، ޚާރިޖީ އަދި މާލީ އަގަކަށް ބެލުމެއް ނޯންނާނެ ކަމަށް ވެސް އެޕާޓީން ބުންޏެވެ.

ޕީޕީއެމް އިން ބުނީ އެޕާޓީގެ ރައީސްގެ ނަންފުޅާއި ޕީޕީއެމްގެ ނަން ގަނެގެން، ޤައުމުގެ ސިޔާދަތަށް ބުރޫއަރާނެ ޖަރީމާތައް ހިންގަން ރައްޔިތުންގެ ރުހުން ހޯދަން މިސަރުކާރުން މަސައްކަތްކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުމެވެ. ޕީޕީއެމްގެ އަސާސްތައް ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށާއި މިސަރުކާރާ ޚިލާފަށް، ޕީޕީއެމްގެ ވެރިކަމުގައި ކަންކަން ވާނީ ރައްޔިތުންނަށް އަމާލާއި ބަހުން ދައްކުވާދީފައި ކަމަށް އެޕާޓީން ބުންޏެވެ.

"ދިވެހިންގެ ތަރިކައެއް އަތުން ބީވެގެންދާނެފަދަ ގޮތަކަށް މިސަރުކާރުން ކުރާ ކޮންމެ އަމަލެއް، މިޕާޓީގެ ވެރިކަމުގައި ބަދަލުކުރާނަމެވެ. އަދި، އެފަދަ އަމަލުތައް ހިންގާ ބަޔަކާމެދު، ކުރިއެކޭ އެއްފަދައިން، ޤާނޫނީގޮތުން ފިޔަވަޅު އަޅާނަމެވެ. "އެންމެ ފުރަތަމަ ޤައުމު" މިޝިއާރުގެ ދަށުން ހިންގޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އަސާސެވެ. އުޞޫލެވެ. އަޒުމެވެ." ބަޔާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެމް ޑީ ޕީ އެއީ މިގައުމުގެ ހަލާކު ދިވެހިގައުމާ ދިވެހިން އިންޑިޔާގެ އަޅުވެތިކަމަށް

  2. މުހައްމަދު ހަސަން

    އިދިކޮޅުގައި ތިބޭއިރު (ކޮންމެ ބަޔަކުވެސް) ދީނާއި ގައުމު ކުރިޔަށް ނެރެން ގޮވާނެއެވެ. ވެރިކަން ކުރަން ލިބުނީމާ ދިމާ އިދިކޮޅަށް މަސައްކަތް ކުރެއެވެ. މިއީ ދުނިޔޭގެ އާދައެވެ.