ޓާފް ދަނޑުތަަކީ ޕްލާސްޓިކް ކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަޖިލީހަށް ހާޒިރުކުރައްވާ ކުޅިވަރުގެ ދާއިރާއާ ގުޅޭ ސުވާލުތައް ކުރި އިރު ގިނަ މެމްބަރުން ވަނީ އެ ރަށްރަށުގެ ޓާފް ދަނޑު ނުނިމިވާތީ އެކަމާ މެދު ސުވާލު ކުރައްވައިފައެވެ. އަދި ޓާފް ދަނޑެއް ނެތް ރަށްރަށުގެ މެމްބަރުން ވަނީ އެފަދަ ވަސީލަތެއް ގާއިމްކޮށްދެވޭނީ ކޮން އިރަކުންތޯ ސުވާލު ކުރައްވައިފައެވެ.

މެމްބަރުންގެ ސުވާލުތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ޓާފް ދަނޑުތަކަށް ވުރެ ބޮޑަށް ކުޅިވަރުގެ ވަސީލަތެއްގެ ގޮތުގައި ބަލަންވީ މީހުން ކަމަށެވެ. އަދި ޓާފް ދަނޑުތަކަކީ މަދު ދުވަަސްކޮޅެއްގެ ތެރޭގައި ހަލާކުވާ އެއްޗެއް ކަމަށާައި، އެ ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ ޓާފް ދަނޑުގެ ބަދަލުގައި ވިނަ ދަނޑުތައް ބޭނުން ކުރުމަށް ވެސް އިރުޝާދު ދެއްވައިފައެވެ.

" ކުޅިވަރުގެ އެންމެ ބޮޑު ވަސީލަތަކީ އެއީ އިންސާނާ. އަޅުގަނޑަށް މި އަޑު އިވެނީ ޓާފް އަޅާ ވާހަކައަކާ ތަންތަނުގައި ޕްލާސްޓިކް އަޅާ ވާހަކައަކާ އަނެއް ވާހަކައަކާއި އަނެއް ވާހަކަ އަކާ. ތިން އަހަރު ތެރޭ ތީގެއިން ޓާފް ދަނޑެއް ޗަކައަށް ބަދަލުވޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން މަހްލޫފް ވަނީ ޓާފް ދަނޑު އެޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެކަން ކުރަން ޖެހެނީ ރަށްރަށުން އެކަމަށް އެދެމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޓާފް ދަނޑުތައް އެޅުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. ޓާފް ދަނޑަކީ ރަށުން އަންނަ ޑިމާންޑާ އެކީ އަޅުގަނޑުމެން ކުރާ ކަމެއް. ތިން އަހަރުު ފަހަކުން ނޫން 10 އަހަރު ފަހުން ވެސް މިތަކެތި ނައްތާލުމަށް މަސައްކަތް ކުރާނެ ގޮތެއް އެބަ ހޯދަން ޖެހޭ. ވެމްބްލީގައި ވެސް ވިނަ ދަނޑުގައި މެޗް ކުޅޭތަން އެބަ ފެނޭ. އެކަމަކު ކޮންމެ ދުވަހަކު ގޮސް މެޗް ކުޅެން ފެށީމަ އެތަން ބަލަހައްޓަން އުނދަގޫވާނެ." އޭނާ ވިދާޅުވިއެވެ.

މަހްލޫފް ވަނީ އެ ޓާފް ދަނޑުތަކުގައި ބޭނުން ކުރާ ކާޕެޓްތައް ނައްތާލުމަކީ ދިމާވާނެ ވަރަށް ބޮޑު އުނދަގުލެއް ކަން ސިފަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    މީނަގެ ކޮއްކޮ އީވާ މަޖްލީހުގަ 3 ދައުރު ހަމަވާއިރުވެސް ކަންމަތީ ކުދީންނަށް ދަނޑެއް ހަދާ ނުލެވުނެވެ. އެމީހުން މީނަ ހޮވަން ނުކުރާ ކަމެއް ނެތެވެ. އެކަމު ކޮންމެ ފަހަރަކު ދަނޑު ހަދާދޭން ވައުދު ވެ އެވެ. ދަނޑެއް ނުހެދުނެވެ. ވިސްނަބަލާށެވެ.

    12
  2. ކިޔުންތެރިއެއް

    ދޮންވެލި އަޅަންވީނު؟ ޖަޒީރާ ކޮށްލަން