ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހަށް އިއްވެވި ރިޔާސީ ބަޔާނަށް ވާދަވެރި ފަރާތްތަކުން ޖަވާބުދާރީވާ ވަގުތުގައި މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން ހަނު ތިއްބެވުމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރިޔާސީ ބަޔާނުގެ ޖަވާބު އިއްވުން އަންނަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. އެ ވަގުތު މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން އަޑު ގަދަ ކުރައްވައި ނުހެއްދުވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ރިޔާސީ ބަޔާނުގެ ޖަވާބު އިއްވާ ވަގުތު އެމްޑީޕީގެ މެންބަރުން ހަނު ތިއްބެވުމަށް، ރިޔާސީ ބަޔާނުގެ ޖަވާބު ދެއްވަނިކޮށް ވަގުތުން ޖަވާބު ދެއްވުމަށް ގަވާއިދަކު ނޯވޭ، އަދި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ވަގުތު ވާދަވެރި ފަރާތްތައް، މިހާރު ނަމަ، ޕީޕީއެމްގެ މި ބައެއް މެންބަރުން އަޑުގަދަކުރެއްވި އިރު، ވަގުތުން ޖަވާބު ދެއްވުމެއް ވެސް ގަވާއިދަކު ނޯވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަވަން ޖެހިވަޑައިގަންނަވައެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެއެވެ.

މަޖިލީހުގައި ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ 65 މެންބަރުން ތިއްބެވި އިރު، ދެން އެންމެ ގިނަ މެންބަރުން ތިއްބެވީ ޕީޕީއެމްގައެވެ. ޕީޕީއެމްގެ ހަ މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. ޕީޕީއެމްއާއެކު އެއް ކޯލިޝަނެއްގައި މަސައްކަތް ކުރާ ޕީއެންސީގެ ތިން މެންބަރުން ތިއްބަވައެވެ. ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުން ތިއްބަވާއިރު އަމިއްލަ ހަތަރު މެންބަރުން ތިއްބައެވެ. ދެން އިންނަވަނީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކޮވިޑް

  100% އެމްޑީޕީ މީހުން ތިޔަ ރިޔާސީ ބަޔާނަށް ޖަވާބު ދޭ އަޑު އަހާކަށް ނުކެރޭނެ.އަދި ޖަވާބު ދިނޭވެސް ނުދޭނެ.

 2. ޙަހަހަހ

  ނަޝީދު ތިހެން ބުނިއްޔާ އޭނާ އޮންނާނީ އިދިކޮޅުން ޕާޓީން ރ.ބަޔަނަށް ޖަވާބުދޭ ގަޑީގަ ޖެއްސުންކޮށް ހަޅެއްލަވަން ޕާޓީ ކުދިންނަށް އަންގާފަ. އޭނަ ބުނާ އެއްޗެއް އޭގެ އަނެއްކޮޅަށް މާނަކޮށްގެން އަސްލު އޭނާ ބުނާއެއްޗެއް ސާފުވާނީ.

 3. ހޯހޯ

  ލާޝައްކެއްނެތް ތީގެ ދިމާ އިދިކޮޅަށް ކުދިންކޮޅުގާތު ބުނެފަވާނީ ކުރިޔާލާ އެކަން ތިޔަ ބުނެލީ އަބަދުވެ ސް މީނަ ބުނާ އެއްޗެއްގެ އިދިކޮޅުމާނަ ނަގާނީ

 4. ޅކޖޖ

  ވަހީދާއި ޔާމީނު ރިޔާސީ ބަޔާން އިއްވިއިރު އެމްޑީޕީގެ ގުންޑާއިންތައް އުޅުނީ ކިހިނެއްބާ؟ އަދި ބުނެފިއެއްނު، ރައީސް ރިޔާސީ ބަޔާން އިއްވިއިރު، ޕީޕީއެމް މެންބަރުން އަޑުގަދަކުރި ވާހަކަ. މި ބީތާ ލަދެއްވެސް ނުގަނޭ އެހެން މީހުންގެ ވާހަކަ ދައްކާކަށް.