އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު ދާދި ފަހުން ދިވެހި ސަރުކާރުން ގާއިމް ކުރި އެއްބަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ހުޅުވާލަން ވޯޓު ދެއްވީ 51 މެންބަރުންނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަނުކުރާއިރު އަސްކަރިއްޔާތަކުގެ ދެމެދުގައި ހިނގާ މިފަދަ އެއްބަސްވުންތަކަކީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދިނުމަށް ފަހު، ގާއިމް ކުރެވެން ޖެހޭނެ އެއްބަސްވުންތަކެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މި އެއްބަސްވުމަކީ މަޖިލީހުގައި ތިއްބަވާ ދިވެހި ރައްޔިތުންގެ މަންދޫބުންނަށް އެނގެން ޖެހޭ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން މަޖިލީހަށް މި އެއްބަސްވުން ފޮނުވުމަށް ފަހު، ދިރާސާ ކުރުމަށް މަޖިލީހުގެ މެންބަރުންނާ މި އެއްބަސްވުން ހިއްސާ ކުރެވެން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ގޮތުގެ މަތިން އެ މަރުހަލާ ކުރިއަށް ގެންދަން ޝިޔާމް ގޮވާލެއްވިއެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރަކާއި ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު، އެމްއެންޑީއެފް އިން އެކަން ދޮގު ކުރެއެވެ.

އެމްއެންޑީއެފުން އެ ކަން ދޮގުކުރި ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ އަދިވެސް އެ އެއްބަސްވުމުގައިވާ ކަންކަން ސާފުކޮށް ފެންނަ ގޮތަށް ހާމަ ކުރުމަށް މީސްމީޑީއާގައި ގޮވާލަމުންނެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި އެ ތަނުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް އަމާޒުކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އުތުރު ތިލަފަޅުގައި ޒާމާނީ ހުރިހާ ވަސީލަތެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަައީމް

    މިސަރުކާރުން މިރާއްގެ ވަށައިގެން އިންޑިއާމީހުން ބައިތިއްބާފަނޫނީ ހިންދަމާނުލާނެ ރައްޔިތުން ވިސްނާ އެމްޑީޕީ އައްވެރިކަން ދޭ ކޮންމެފަހަރަކު މުޅި ގައުމުގެ ދުވަސްއެބަދުއްވާލާ ވިސްނަވާ މިކަމާ

  2. ޝޮކްތެރަޕީ

    އެމްޑީޕީގެ އޮޅުވާލުމާ މަކަރުވެރިކަން އިންތިހާޔައް މިދަނީ. ޤައުމެއް ނެއް