"ޗެނަލް 13" ގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާ ކުރި މައްސަލައިގައި ރާއްޖޭގެ މީޑިއާތަކުގެ ގިނަ ނޫސްވެރިންތަކެއް އިހުތިޖާޖްކޮށްފައި ވަނިކޮށް އިންފޮމޭޝަން ކޮމިޝަނަރު އަދި ކުރީގެ ނޫސްވެރިޔާ ހުސައިން ފިޔާޒު މޫސާ ނޫސްވެރިންގެ ދިފާއުގައި ނުކުންނަވައިފިއެވެ.

"ހަވީރު" ނޫހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި، އަދި ފަހުން ރާއްޖެ ޓީގެ ސީއީއޯކަން ކުރެއްވި ފިޔާޒު ކުރައްވާފައިވާ ޓްވީޓްގައި ވަނީ އިއްޔެ ނޫސްވެރިން ކުރި އިހްތިޖާޖްގެ ފޮޓޯއަކާއި މީގެ ހަ އަހަަރު ކުރީގެ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. އެތަނުން އެއް ފޮޓޯ އިން ފެންނަނީ ކުރީ ސަރުކާރުގައި މީޑިއާގެ މިނިވަންކަމަށް ގޮވާލާ ފިޔާޒް، ޕޯސްޓަރެއް ހިފަހައްޓައިގެން ހުންނެވި ފޮޓޯއެވެ.

އެ ދެ ފޮޓޯގައި ބޭނުންކޮށްފައިވާ ޕޯސްޓަރުގައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަންކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ފިޔާޒް ވިދާޅުވީ މީޑިއާގެ މިނިވަންކަން އޮންނަން ޖެހޭ އިރު، މިހާރަށްވުރެ ބޮޑަށް ނޫސްވެރިން ޒިންމާދާރު ވާންޖެހޭ ކަމަށެވެ. އަދި މާއްދާ 27 ވެސް ގިނަ ގިނައިން ބޭނުން ކުރަން ޖެހޭ ކަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ.

"ދެ އަހަރެން، ދެ މީހެއް، އެއް ވާހަކައެއް. މީޑިއާގެ މިނިވަންކަން ފުރިހަމައަށް އޮންނަން ޖެހޭ، ނޫސްވެރިކަން ޒިންމާދާރު ކުރުވާން ވެސް ޖެހޭ. ގިނަ ގިނަ އިން މާއްދާ 29 ވެސް ބޭނުން ކުރަން ޖެހޭ." ފިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ މީޑިއާތަކެއް ޝާމިލްވާނެ ގޮތަށް ނޫސްވެރިން ބައިވެރިވި ހިމޭން އިހުތިޖާޖު ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވިސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ކުރިމަތީގައެވެ. މި އިހްތިޖާޖްގައި ނޫސްވެރިންގެ މިނިވަންކަމާ ގުޅުން ހުރި ތަފާތު އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ފެނިފައިވެއެވެ.

މި އިހްތިޖާޖްއަކީ އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ބޭއްވި އިހުތިޖާޖު ކަވަރުކުރަން އުޅުނު ޗެނަލް13 ގެ ނޫސްވެރިއަކަށް އަނިޔާވުމާއި އެ ސްޓޭޝަންގެ ނޫސްވެރިންތަކެއް ކެފޭއެއްގައި ތިއްބާ ފުލުހުންތަކެއް ވަދެ ނޫސްވެރިއަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން ކުރި އިހްތިޖާޖެކެވެ.