ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ގަތަރުގެ ފަސް ކުޅިވަރު އެސޯސިއޭޝަނަކާއެކު އެއްބަސްވުންތަކެއްގައި ސޮއުކުރަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ތައްޔާރުވެއްޖެއެވެ.

އެމްއޯސީން މިކަން ހާމަކުރެއްވީ އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ދާދި ފަހުން ގަތަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ކުޅިވަރު ފަސް އެސޯސިއޭޝަންތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހުއެވެ.

މި އެސޯސިއޭޝަން ތަކަކީ ގަތަރުގެ ސްވިމިން އެސޯސިއޭޝަން، އެތްލެޓިކްސް ފެޑެރޭޝަން، ޓޭބަލް ޓެނިސް އެސޯސިއޭޝަން، ފުޓުބޯޅަ އެސޯސިއޭޝަން އަދި ހޭންޑްބޯޅަ އެސޯސިއޭޝަނެވެ. މީގެއިތުރުން ގަތަރުގެ އެސްޕެޓާ ހޮސްޕިޓަލާއެކު އެއްބަސްވުމެއް ހެދުމަށް މަރޭ ވަނީ މަޝްވަރާ ކުރައްވާފައެވެ. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ވީ އެންމެ ރަނގަޅަށް ފަރުވާ ހޯދަން ފަސޭހަތަކެއް ހޯދުމަށް ވެވޭނެ އެއްބަސްވުމެކެވެ.

މީސް މީޑިއާގައި އެމްއޯސީގެ ރަސްމީ ޕޭޖުގައި ހިއްސާކޮށްފަައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ގިނަ ގޮތްގޮތުން ފައިދާކުރާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އަވަސް މުސްތަގުބަލެއްގައި ގަތަރުގެ ކުޅިވަރު އެސޯސިއޭޝަންތަކާއެކު އެއްބަސްވެވޭނެ ކަމަށެވެ.

ގަތަރާއެކު ރާއްޖެއިން އަނެއްކާވެސް ސިޔާސީ ގުޅުން ގާއިމުކުރއިރު، މީގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ގިނަ ފައިދާތަކެއް ކުރާނެކަން އެމްއޯސީން މީގެކުރިން ފާހަގަކޮށްފައިވެއެވެ. މިއީ މިފަދަ ގޮތަކަށް ބޭރު ގައުމަކާއެކު ރާއްޖެއިން މިހާތަނަށް ވާނެ އެންމެ ބޮޑު އެއްބަސްވުމެވެ. ދުނިޔޭޣެ ކުޅިވަރުގައި އިންގިލާބީ ބަދަލުތަކެއް ގެންނަމުން އަންނަ ގަތަރާއެކު މި އެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއިކުރެވިގެން ދާނެ ކަމަށް އެމްއޯސީން މައުލޫމާތުދެއެވެ.

މީގެކުރިން ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންވެސް ވަނީ ގަތަރާއެކު ފުޓުބޯޅަ ކުރިއެރުވުމުގެ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން ގައުމީ ފުޓުބޯޅަ ޓީމު ވަނީ ގަތަރުގައި ކޭމްޕުކޮށްފައެވެ.