އިތުރު ހަތަރު ރަށެއްގައި ކުނި މެނޭޖުކުރަން މަރުކަޒުތަކެއް އަޅަން އެންވަޔަރަަމަންޓް މިނިސްޓްރީއާއި ކައުންސިލްތަކާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ، ޒޯން އެކެއްގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅަން މިއަދު ސޮއި ކޮށްފައިވަނީ ހއ. ފިއްލަދޫ، ހއ. ބާރަށް، ށ. ކޮމަންޑޫ އަދި ށ. ފުނަދޫ ކައުންސިލާ އެކު ކަމަށެވެ.

މިއީ މިއަހަރު ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ މަޝްރޫޢުތައް އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލްތަށް މެދުވެރިކޮށް ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރަށު ކައުންސިލްތަކާ ޙަވާލުކުރެވުނު މަސައްކަތެއް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއަދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ރަށު ކައުންސިލްތަކާ އެކު ސޮއި ކުރި އެމް.އޯ.ޔޫ ތަކުގެ ޖުމްލަ އަގަކީ 3589612.00 ރ (ތިން މިލިއަން، ފަސްލައްކަށް އަށްޑިހަ ނުވަހާސް، ހަސްތޭކަ ބާރަ ރުފިޔާ) އެވެ.

މިއަދު އިތުރު ފަސް ރަށެއްގައި ކުނި މެނޭޖް ކުރާ މަރުކަޒެއް އެޅުމަށް އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފައި ވާއިރު، ކައުންސިލްތަކާ ގުޅިގެން 10 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އެޅުމަށް މިދިޔަ ހަފްތާވެސް ވަނީ އެމް.އޯ.ޔޫގައި ސޮއިކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ވަށަފަރ، ހއ. އުތީމު، ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނެއްލައިދޫ، ށ. ނަރުދޫ، އަދި ގދ. ތިނަދޫއެވެ.

މި އެމް.އޯ.ޔޫގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދައުރަކީ ކޮންމެ ރަށެއްގައިވެސް މަޝްރޫޢު ކުރިއަށްދާގޮތް ބަލާ މޮނިޓަރ ކުރުމާއި އެރަށަކަށް ބޭނުންވާ ބަޖެޓް ހަމަ ޖެހިފައި އޮންނަ އުޞޫލުން އެރަށެއްގެ ކައުންސިލަށް ޓްރާންސްފަރ ކުރުމެވެ. އެހެންކަމުން ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ދެއްކުމަކީވެސް ރަށު ކައުންސިލްގެ ދައުރެއްގެ ގޮތުގައި މި އެމް.އޯ.ޔޫ ތަކުގައިވަނީ ކަނޑައަޅާފައެވެ.